ކ. މާލެ
|
11 ޖެނުއަރީ 2024 | ބުރާސްފަތި 19:01
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރަނީ – ފައިލް ފޮޓޯ
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރަނީ – ފައިލް ފޮޓޯ
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މާލޭގެ ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެމީހުންގެ ތެރޭން އެކަކު ދޫކޮށްލައިފި
ޝަރުތުތަކާއެކު ދޫކޮށްލީ 32 އަހަރުގެ އަންހެނެއް
25 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

މާލޭގެ ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖަނަވަރީ 9 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

Advertisement

އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވެއެވެ. އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތް ދުއްވާ ސައިކަލު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި 17 ވޭޕް ކާޓްރިޖް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ބުދަ ދުވަހު ހާޒިރު ކުރުމުން 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ދީފައިވެއެވެ. އަދި 32 އަހަރުގެ މީހާ ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައި ފުލުހުން ބުނެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް