ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް އާއި ބައްދަލު ކުރުމަށް އެދިއްޖެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ސޮއި ކުރައްވާ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށާއި ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދުމަށް އަދުލްއިންސާފުގެ ދާއިރާއިން މިވަގުތުން މިވަގުތަށް ވެސް ކުރެވިދާނެ ކަންކަން އެބަހުރި ކަމަށެވެ.
އެހެންކަމުން އެކަންކަމާމެދު މަޝްވަރާކޮށް، ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން އަދި އާއްމު މަސްލަހަތު ހިމާޔަތްކޮށްދިނުމަށް ކުރެވިދާނެ މުހިއްމު ކަންކަމާއި މެދު މަޝްވަރާ ކޮށްލުމަށްޓަކައި އާދިއްތަ ދުވަހުގެ ވަގުތެއްގައި އެޕޮއިންޓްމަންޓެއް ހަމަޖައްސާ ދެއްވުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ބައްދަލުވުމުގައ ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންގެ ނަންފުޅުތައްވެސް އެސިޓީއާއެކު ފޮނުވާފައިވެއެވެ.
އެގޮތުން އެބައްދަލުވުމަށް ވަޑައިގަންނަވާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު އާއި ޖުމްހޫރީ ޕާޓީގެ ޕާޓީގެ ނައިބު ލީޑަރ އަބްދުﷲ ރިޔާޒާއި އަދާލަތުގެ ޕާޓީގެ ނާއިބު ލީޑަރު އަލީ ޒާހިރުގެ އިތުރުން ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުން ޔުމްނާ މައުމޫން ކަމަށް އެސިޓީގައި ބުނެފައި ވެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް އާއި ބައްދަލު ކުރުމަށް އެދިފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންގެ މައްޗަށް އެކިއެކި ތުހުމަތުތަކުގައި ތަހުގީގުކޮށް، ޝަރީއަތް ކުރަމުންދާ ދަނޑިވަޅެއްފަ އެވެ.