ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލައާ ގުޅޭ ގޮތުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފޮނުއްވި ދެ ސިޓީއާ ގުޅޭގޮތުން އަމަލުކުރާނެ ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓަށް އަދީބު ފުރަތަމަ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، 11 އަހަރަށް ޖަލަށް ލާފައިވާ ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލައާ ގުޅޭ ނާޒިމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ޖޫން މަހުގެ ފަހުކޮޅު އަދީބު ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ ކަންތައްތައް ހިނގައިދިޔަ ގޮތް އެނގޭ މީހެއްގެ ހައިސިއްޔަތުން ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލައިގައި ކަންތައްތައް ހިނގައިދިޔަ ދިޔަގޮތް ސުޕްރީމް ކޯޓުގައި ވިދާޅުވެ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދީބު ވަނީ އެ ފުރުސަތު ދެއްވުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާފަ އެވެ.
އަދީބު ފޮނުއްވި ދެވަނަ ސިޓީގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް، ކުރި ހުކުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔެފައިވާ ހުކުމެއް ނޫން ކަމަށާއި، އެ ހުކުމް ލިޔުނު ފަރާތް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދީބު ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރެވުނީ، ނާޒިމް ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ނާޒިމްގެ ދިފާއުގައި ފެއްޓެވި ސިޔާސީ މަސައްކަތްތައް ނިމުމަކަށް ގެނެއުމަށް ކަމަށެވެ.
ހުކުމް ލިޔުނު ފަރާތް ވެސް އެނގިވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވަމުން އަދީބު ވިދާޅުވެފައިވާ ރައީސް ނަޝީދުގެ މައްސަލައިގައި "ފުރަތަމަ ޑްރާފްޓް ކުރެވުނު" ހުކުމުގައި އޮތީ އެމަނިކުފާނަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށް، ހުކުމް ތަންފީޒް ކުރުން 3 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާ ގޮތަށް ކަމަށެވެ. ނަމަވެސް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮންފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަންވެސް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ. އަދީބު ވަނީ އެ މައްސަލައިގައި ހެކިބަސް ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސް ކުރައްވާ އަދީބު ފޮނުއްވި އެ ދެ ސިޓީއާ ގުޅިގެން ރާއްޖެއެމްވީއިން ސުވާލުކުރުމުން ޖުޑިޝަރީގެ ތަރުޖަމާނު ވިދާޅުވީ އެ ސިޓީތަކާ ގުޅިގެން އަމަލުކުރާނެ ވަކިގޮތެއް ސުޕްރީމް ކޯޓުން އަދި ނުނިންމާ ކަމަށެވެ. އަދި އެގޮތަށް ހުށަހަޅާ ސިޓީތަކުގެ ޖަވާބު ދޭނީ ސިޓީ ހުށަހަޅާ ފަރާތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ އަދީބުގެ ސިޓީއާ ގުޅިގެން މައްސަލަ އަލުން ބަލައި އިންސާފު ގާއިމްކޮށްދިނުމަށް ސުޕްރީމް ކޯޓަށް ގޮވާލާފަ އެވެ. ނާޒިމްގެ ވަކީލުންނާއި އާއިލާއިން ވެސް ވަނީ ނާޒިމްގެ މައްސަލަ އަލުން ބަލައި، ނާޒިމްގެ މައްޗަށް ކުރި ދައުވާއާއި ތުހުމަތުން ނާޒިމް ބަރީއަވެގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ގޮވާލާފަ އެވެ. ރައީސް ނަޝީދާއި ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓްތަކުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.