ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހަށް އެޖެންޑާ ކޮށްފި އެވެ.
ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހަމަ އެކަނި އޮތީ ކިނިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމާއި ކުރެއްވުމަށް ހުށަހަޅާފައިވާ ސުވާލު އެކަންޏެވެ.
މިނިސްޓަރު ތޯރިގާއި މެމްބަރު ރިޔާޒު ކުރެއްވުމަށް ހުށަހަޅާފައިވާ ސުވާލުގައި ވަނީ ތި. ކަނޑޫދޫ ތޮށިލުމުގެ މަސައްކަތް ފެށެނީ ކިހާ ހިސާބެއްގައިތޯ، ކުރައްވާފައިވާ ސުވާލެވެ.
ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކޮށްފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވާ 45 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުވާލައި ކަމަށާއި އެއް މެމްބަރެއްގެ ސޮއި އަނބުރާ ގަންނަވާފައިވާތީ، އެމައްސަލަ ހުށަހަޅަން ބޭނުންވާ 42 މެމްބަރުންގެ ސޮއި ހަމަ ނުވާކަމަށް ނިންމާ، މައްސަލަ މަޖިލީހުން ބޭރުކޮށްލާފަ އެވެ.
މި ޖުލައި މަހުގެ 24 ވަނަ ދުވަހަކީ މަޖިލީހުގެ ޖަލްސާއެއް ބާއްވަންޖެހޭ ދުވަހެއް ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން މަޖިލީހުގެ ޖަލްސާއެއް އެ ދުވަހު ނުބޭއްވޭނެ ކަމަށް އިއުލާން ކުރައްވާފަ އެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ ޖުލައި 31 ވަނަ ދުވަހު ކަމަށް ވެސް މަޖިލީހުގެ އިދާރާއިން އިއުލާން ކޮށްފައި ވެއެވެ.
މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ސިފައިން ވަނީ މަޖިލީހުގެ އިދާރާގައި ތަޅުއަޅުވާ، މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެ ކަމަށް އަންގާފަ އެެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން މިމަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވަތް މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގިނަ މެމްބަރުންގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ދަނީ ކުރަމުންނެވެ.
މީގެއިތުރުން، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވާ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާ ސައުުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހުންނެވީ 15 ދުވަހުގެ ޖުލު ބަންދުގަ އެވެ. މީގެއިތުރުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހުންނެވީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތެއްގައި ޝަރީއަތް ނިމެންދެން ޖަލު ބަންދެއްގަ އެވެ.