Advertisement
ކ. މާލެ
|
30 ޖުލައި 2017 | އާދީއްތަ 09:45
މަޖިލީހުގެ އިދާރާގެ ދޮރެއްގައި ތަޅު އަޅުވާއިފި
މަޖިލީހުގެ އިދާރާގެ ދޮރެއްގައި ތަޅު އަޅުވާއިފި
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގައި އެޅުވި ތަޅުތައް ހަ ދުވަހަށް ފަހު ނައްޓާލައިފި
މަޖިލީހުގައި ތަޅު އެޅުވުމަށްފަހުު، މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭގޮތް ހަދާފައިވޭ
މިއީ މަޖިލީހުގައި ތަޅުއަޅުވާ، މެމްބަރުންނަށް ނުވަދެވޭގޮތް ހެދި ފުރަތަމަ ފަހަރު
ސަރުކާރަށް މެޖޯރިޓީ ގެއްލުމާއެކު، އިދިކޮޅު ގިނަ މެމްބަރުންގެ މައްޗަށް ތަހުގީގުތައް ކުރެވި، ޝަރީއަތްތައް ދަނީ ހިންގަމުން

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް މަޖިލީހުގެ އިދާރާގެ މައި ގޭޓްތަކުގައި އަޅުވާފައި ހުރި ތަޅުތައް ހަ ދުވަހަށް ފަހު ނައްޓާލައިފި އެވެ. 

މަޖިލީހުގެ އިދާރާގައި ތަޅު އެޅުވުމަށްފަހު، ނައްޓާލާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މަޖިލީހުގައި ތަޅު އަޅުއަޅުވާފައިވަނީ މަޖިލީހުގެ މެޖޯރިޓީއަށް ވުރެ ގިނަ މެމްބަރުންނާއެކު ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން، މެމްބަރުން މި މަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވަޑައިގަންނަވަން އުޅުއްވުމުންނެވެ. 

މަޖިލީހުގެ އިދާރާއިން ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވާ 45 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށާއި އެއް މެމްބަރެއްގެ ސޮއި އަނބުރާ ގަންނަވާފައިވާތީ، އެމައްސަލަ ހުށަހަޅަން ބޭނުންވާ 42 މެމްބަރުންގެ ސޮއި ހަމަ ނުވާކަމަށް ނިންމާ، މައްސަލަ މަޖިލީހުން ބޭރުކޮށްލާފަ އެވެ.

މި ޖުލައި މަހުގެ 24 ވަނަ ދުވަހަކީ މަޖިލީހުގެ ޖަލްސާއެއް ބާއްވަންޖެހޭ ދުވަހެއް ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން މަޖިލީހުގެ ޖަލްސާއެއް އެދުވަހު ނުބޭއްވޭނެ ކަމަށް އިއުލާން ކުރައްވާފަ އެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ ޖުލައި 31 ވަނަ ދުވަހު ކަމަށް ވެސް މަޖިލީހުގެ އިދާރާއިން އިއުލާން ކޮށްފައި ވެއެވެ.

މަޖިލީގުގެ ތަޅުތައް ނައްޓާފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން މިމަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވަތް މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގިނަ މެމްބަރުންގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ދަނީ ކުރަމުންނެވެ.

މީގެއިތުރުން، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވާ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާ ސައުުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހުންނެވީ 15 ދުވަހުގެ ޖުލު ބަންދުގަ އެވެ. މީގެއިތުރުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހުންނެވީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތެއްގައި ޝަރީއަތް ނިމެންދެން ޖަލު ބަންދެއްގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް