Advertisement
ކ. މާލެ
|
6 ޖެނުއަރީ 2024 | ހޮނިހިރު 19:10
ހުޅުމާލެ ދެވަނަ ފިޔަވަހިގައި ހުންނަ ހިޔާ ޓަވަރުތައް
ހުޅުމާލެ ދެވަނަ ފިޔަވަހިގައި ހުންނަ ހިޔާ ޓަވަރުތައް
ދައުރު
ހިޔާ ފްލެޓް މަޝްރޫއު
ސަރުކާރުން ބުނަނީ ހިޔާގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ފަށައިފި ކަމަށް، މަންޒަރެއް ނުފެނޭ
އެ މަސައްކަތް ބަޔަކާ ހަވާލުކޮށް، ލިފްޓުތައް ގެނެސް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާ ކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާޒިމާ ޝަކޫރުގެ ކެމްޕޭނަށް ހުޅުމާލޭގައި ހުންނަވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރަން ރާވާފައިވާ ކަންކަމަކީ ރައްޔިތުން އެންމެ ބޭނުންވާ ކަންތައް ކަމަށެވެ.

އެގޮތުން ހިޔާ ފްލެޓްތަކުގައި ލިފްޓު ހަރުކުރުމުގެ ވާހަކަ ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތް ބަޔަކާ ހަވާލުކޮށް، ލިފްޓުތައް ގެނެސް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement

އެހެން ނަމަވެސް ރައީސް އެފަދައިން ވިދާޅުވިއިރު ވެސް، ހިޔާގެ އެއްވެސް ފްލެޓެއްގައި އެފަދަ މަސައްކަތެއް ހިނގާ ކަމެއް ފެންނާކަށެއް އަދި ނެތެވެ.

ހިޔާ ފްލެޓްތަކުގައި ލިފްޓު ހަރުކުރުމުގެ ވާހަކައަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް ހިޔާ ފްލެޓްތަކަކީ ބޮޑު އާބާދީއަކަށް ވިސްނައި، ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތަކަށް ވާއިރު، އޭރު އެ ތަނުގައި ގިނަ ލިފްޓު ހަރު ނުކުރެއްވީ ކީއްވެތޯ ރައްޔިތުން ސުވާލު އުފައްދައެވެ.

އެ ސުވާލަށް ސަރުކާރުން ޖަވާބެއް ދީފައެއް ނުވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން 24 ފަންގިފިލާގެ 16 ޓަވަރު ބިނާކޮށްފައިވާއިރު، ކޮންމެ ފަންގިފިލާއެއްގައި 20 އެޕާޓްމަންޓް ހުރެއެވެ. މިހުރިހާ އެޕާޓްމަންޓް ތަކުގައި އުޅޭ އެންމެން އުފުލުމަށް ގިނަ ޓަވަރުތަކުގައި ހުންނަނީ 3 ލިފްޓެވެ. އެހެން ކަމުން ހެނދުނު ސްކޫލް އަށާ އޮފީހަށް ދާގަޑީގައި ހުރިހާ ޓަވަރެއްގައިވެސް އޮންނަނީ ލިފްޓަށް ވަރަށް ބާރު ބޮޑުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް