ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެކަހެރިކޮށް ބަންދުކުރުމުގެ އިތުރުން ބޭސްފަރުވާއަށް ވެސް ހުރަސް އެޅުމަކީ ދޭ އަނިޔާއެއްގެ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި ކަމަށް ބުނެ އަދީބު ހައްޔަރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބާވަޑައިގަތުމާއެކު އަދީބު ހައްޔަރުކުރިއިރު، މިއަދާ ހަމައަށް ވެސް އަދީބު ބަންދުކޮށްފައިވަނީ އެހެން ގައިދީންނާ އެކަހެރިކޮށެވެ.
ނަޝްވާ ވިދާޅުވީ ދެ އަހަރު ވަންދެން އަދީބު އެކަހެރިކޮށްފައި ބޭއްވުމަކީ އެންޓި ޓޯޗަރ ގާނޫނާ ޚިލާފު ކަމެއްކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. ނަޝްވާ ވިދާޅުވީ އެކަހެރިކޮށްފައި ބާއްވާފައިވާއިރު، ބޭސްފަރުވާކުރުމުގެ ހައްގު އަދީބުގެ ކިބައިން ނިގުޅައިގަނެފައިވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަށް އިއްވާފައިވާއިރު، ޖަލު ހުކުމް ތަންފީޒް ކުރާ އެހެން ގައިދީންނާ ޚިލާފަށް އަދީބު މިހާރު ބަންދުކޮށްފައިވަނީ ފުލުހުން ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ދޫނިދޫގަ އެވެ.
އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާއާއި ވަކީލުން ދަނީ ބުނަމުންނެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުންދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.
އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.
އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް، އެ ކޮމިޝަނުން މިހާތަނަށް އެކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.