ކ. މާލެ
|
6 ޖެނުއަރީ 2024 | ހޮނިހިރު 13:35
ކުރީގެ ރައީސް، އަބްދުﷲ ޔާމީން
ކުރީގެ ރައީސް، އަބްދުﷲ ޔާމީން
ޓްވިޓަރ
ވ. އާރަށުގެ މައްސަލަ
ޝަރީއަތް ލަސްވާ ސަބަބު ހޯދަން، ޔާމީނުގެ ޓީމުން މާދަމާ ހައިކޯޓަށް ދަނީ
 
އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ 21 ނޮވެމްބަރު 2023ގައި
 
ޝަރީއަތް މާ ބޮޑަށްވެސް ލަސްވެއްޖެ ކަމަށާއި، ޝަރީއަތް ނުހިންގައި ޔާމީނު އެގޮތަށް ނުބެހެއްޓޭނެކަމަށް ވިދާޅުވޭ

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލަ ލަސްވާ ސަބަބު ހޯދަން އެމަނިކުފާނުގެ ޓީމުން ހައިކޯޓަށް ދިއުމަށް ނިންމައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގައި އިސްކޮށް އުޅުއްވި، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލު ވިދާޅުވީ، ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށްޓަކައި ޔާމީނުގެ ޓީމުން އާދިއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ހައިކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

މަލީހު ވިދާޅުވީ، ޝަރީއަތް މާ ބޮޑަށްވެސް ލަސްވެއްޖެކަމަށާއި، ޝަރީއަތް ނުހިންގައި ޔާމީން އެގޮތަށް ނުބެހެއްޓޭނެ ކަމަށެވެ. ޔާމީން މިނިވަންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފެށިފައިވާކަމަށްވެސް މަލީހު ވިދާޅުވިއެވެ.

އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ 21 ނޮވެމްބަރު 2023ގައެވެ. އެ ދުވަހު ފަނޑިޔާރުން ވިދާޅުވީ، މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރައްވަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމްކުރެއްވުން ކަމަށެވެ.  

ޔާމީން އަބްދުލްގައްޔޫމާއި ވ. ފެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓުއަރިޒަމާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް، ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި، ލޯންޑަރ ކުރައްވާފައިވާކަން ދަށު ކޯޓުގައި ވަނީ ސާބިތުވެފައެވެ.

އާރަށުގެ މައްސަލައިގެ އިސްތިއުނާފީ މަރުހަލާ ނިމިފައިވާއިރު، އެމަނިކުފާނު ހުންނެވީ ވަގުތީ ލުއިތަކަކާއެކު ގޭ ބަންދުގައެވެ.

ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގގެ އެހެން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރުވެސް ހިނގަމުންދެއެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކުރައްވައި، ރ. ފުއްގިރި ވިއްކަވައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެވެ.

އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޖޫން 2020ގައެވެ. އެ މައްސަލައިގެ ޝަރީއަތްވެސް އަޑުއެހުމެއް ނުބާއްވާތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް