މި ސަރުކާރަށް، 52 ދުވަސް ވީއިރު އިންޑިއާ ސަރުކާރާއެކު ރާއްޖެއިން ވެފައިވާ އެގްރީމެންޓްތަކުގެ މައުލޫމާތު ހާމަނުކުރަނީ އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ނެތުމުން ކަމަށް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެމްޑީޕީން ނުކުމެ އޮތީ ފިތުނައިގެ ދޮލަނގާއި ދޮގުގެ ދޮލަނގު ހޫރާލުމަށް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. 100އަށްވުރެ ގިނަ އެގްރީމެންޓް އިންޑިއާއާއެކު ރާއްޖެއިން ވެފައިވާ ކަމަށާއި، އެކަން ދިރާސާކުރަމުން ދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެކަމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ހުރިކަން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް 52 ދުވަސްވީއިރު ދުވާލަކު ދެ އެގްރީމެންޓް ބެލިޔަސް، މިއަދާ ހަމައަށް ސަރުކާރަށް ކޮންމެވެސް މައުލޫމާތެއް ދެވެންވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން އެ ދެއްކި ވާހަކަތަކުގައި ހަގީގަތެއް ނެތްކަން، މިއަދު އާއްމުންނަށް އެނގި ހާމަވަމުންދާކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. ޝާހިދު ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ސިފައިން ތިބިކަމަށް ބުނެ ޕީޕީއެމް ޕީއެންސީން ދައްކަމުން އައީ ދޮގު ވާހަކަތަކެއްކަން މިއަދު އެނގެމުންދާ ކަމަށެވެ. އަދި ޗާގޯސް މައްސަލައިގައި ވެސް ސަރުކާރުން ދޮގުހަދާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގެ އެކްސްޕަރޓުންނާ ހަވާލުކޮށްގެން ރާއްޖޭގެ ކަންކަން ކުރުވަންވީ ކީއްވެގެންތޯވެސް ޝާހިދު ސުވާލުކުރެއްވިއެވެ.
އޭނާ ވަނީ، އެ ވާހަކަތަކީ ފިތުނަ ދޮލަނގާއި ދޮގު ދޮލަނގު ކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ފިތުނަ ދޮލަނގާއި ދޮގު ދޮލަނގުގައި ހުރި ވާހަކަތައް މިހާރު ކުނިވެފައިވާ ކަމަށެވެ. އިންޑިއާ ސިފައިންގެ އެތައް ހާސް ބަޔަކު ރާއްޖޭގައި ތިބިކަމަށް ބުނިނަމަވެސް، މިއަދު ސަރުކާރުގެ ރާގު ބަދަލުވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިއަދު އިންޑިއާ ސިފައިންގެ އަދަދު މުހިންމު ނޫންކަމަށް ސަރުކާރުން ބުނާތީ، އެކަމަށް ޝާހިދު ފާޑުވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ރައްޔިތުންނަށް އެ އަދަދު މުހިންމު ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ދޮގުނުހަދާކަން އާއްމުންނަށް ސާފުކޮށް އެނގެންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.