ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ގެނައުމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.
މ.ކުނޫޒުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަހްމަދު މަހްލޫފު ވިދާޅުވީ އާޒިމާ ސުޕްރީމް ކޯޓަށް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި އާޒިމާ ސުޕްރީމް ކޯޓަށް ގެންނެވުމަށްފަހު އުއްތަމަ ފަނޑިޔާރު ކަމަށް އާޒިމާ ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައި ކަމަށެވެ. މަހްލޫފް ސިފަ ކުރެއްވި ގޮތުގައި އާޒިމާ ސުޕްރީމް ކޯޓަށް ގެނައުމަށް ކުރާ މަސައްކަތަކީ ހިންގަން އުޅޭ ނުރައްކާތެރި ޖަރީމާއެކެވެ.
" ހަމަ ގައިމުވެސް ރައްޔިތުންގެ މަޖިލީސް ތެރެއިން އެޅެން އޮތް ހުރިހާ ހުރަހެއް އެޅުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ މައްސޫލުވެރިންގެ ތެރޭގައިވެސް ހިމެނޭ އާޒިމާ ސުޕްރީމް ކޯޓަށް ގެނައުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށްވެސް ބަދަލު ގެންނަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހްލޫފު ވިދާޅުވި އެވެ.
" އަލުން މި ބޭފުޅުން ބޭނުންވަނީ އިތުރު ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް،" މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް މިއީ ސުޕްރީމް ކޯޓަށް އެފަދަ ބަދަލެއް ގެނަންނާންވީ ވަގުތު ނޫން ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރު ސުޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުންވެސް ޖަލަށް ލާނެ ކަމަށާއި އެއީ މީގެ ކުރިންވެސް ރައީސް އަބްދުﷲ ޔާމިން ކަންކުރައްވާފައިވާ ގޮތް ކަމަށެވެ. އަދި އެކަމާ ދެކޮޅު ހައްދަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ