Advertisement
ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 19:39
އުލިގަމު ބަރބަކިއު
އުލިގަމު ބަރބަކިއު
އުލިގަމުގެ ބަރބަކިއު
އުލިގަމުގެ ސަޤާފީ ފޯރިގަދަ ބަރބަކިއު - މި ފަހަރުވެސް ފޯރި އާއި އެކު ކުރިއަށް
މި އަހަރުގެ ބަރބަކިއު އޮތީ އަންގާރަ ދުވަހުގެ ރޭގަނޑު 08:30ގަ
މަސް ފިހާ ބެޑް ތައްޔާރުކޮށް، މިރުސްގަނޑު ތައްޔާރުކުރުުގެ ކަންކަން ކުރިއަށް ދިޔައީ ވަރަށް ފޯރިއާއި އެކު
ބަރބަކިއުގައި އަންހެން ވެރިންގެ ދައުރުވެސް ވަރަށް މުހިންމު، ރޮށި ފިހުމުގެ ކަންކަން އަންހެން ވެރިން ކުރަނީ އެއްކޮށް

ޒަމާނުއްސުރެ އުލިގަމުގައި ކުރިއަށް ގެންދާ ފޯރިގަދަ ބަރބަކިއު މި އަހަރުވެސް އެބަ ކުރިއަށް ދެއެވެ.

Advertisement

މި އަހަރުގެ ބަރބަކިއު އޮތީ އަންގާރަ ދުވަހުގެ ރޭގަނޑު 08:30ގައެވެ. އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަސަދުﷲ މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިއީ ރަށުގަ އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވާއިރު މިއީ އުލިގަމާއި ގުޅިފައިވާ ވަރަށް ޒަމާންވީ ހަރަކާތެއް ކަމަށެވެ. އަސަދުއްﷲ ވަނީ މި ހަރަކާތުގެ ތާރީހަށް އަލިއަޅުވާލައްވާފައެވެ.

ކޮންމެ އަހަރަކުވެސް މަސައްކަތު ތާވަލްގައި ހިމަނައިގެން މަސައްކަތް ކުރިއަށް ދާތާ މިހާރު ގާތްގަނޑަކަށް 8 ވަނަ އަހަރު މިއީ. އެއީ ކައުންސިލުން އެކަން ކުރާތާ ވީހާ ދުވަސް މި ދެންނެވީ. އަދި އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުން 1980 އިން ފެށިގެން އެކި އެކި ފަރާތްތަކުން ކުރަމުން އައި ކަމެއްކަމަށް ވަނީ މިއީ. ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވާ ކަމެއް. ރަށަށް އަންނަ މީހުން ވެސް މިކަމުގައި ބައިވެރިވާނެ
އަސަދުއްﷲ

ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ހަރަކާތް މި އަހަރުވެސް ކުރިއަށް ދަނީ ވަރަށް ފޯރި އާއި އެކުގައެވެ. ވަރަށް އެއްބައިވަންތަކަމާއި އެކުގައެވެ. އެގޮތުން މި ފަހަރު ބަރބަކިއުގައި 700 މަސް ފިހަން ވަނީ ހަމަޖައްސާފައެވެ. މިއީ އުލިގަމުގައި ބާއްވާ ފެސްޓިވަލް އެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއީ މި ހަރަކާތަށް ވަރަށް ބޮޑަށް ތައްޔާރުވެ, ދުވަސްތަކަކަށް ބަހާލައިގެން ބަރބަކިއުގެ ކަންކަން އިންތިޒާމްކޮށް، ބަރބަކިއު ފުރިހަމަ ކުރަން އަބަދުވެސް އެ ރަށުގެ އެންމެން މަސައްކަތް ކުރެއެވެ.

އުލިގަމުގެ ސަޤާފީ ފޯރިގަދަ ބަރބަކިއު
ބާބަކިއު ގްރިލް އަށް ބޭނުންވާ ދަރު ހޯދުން އެއީ އެއް ދުވަސް. ވަކި ދުވެހެއްގައި އެކަން ކުރަނީ. ބާބަކިއު ހެދުމަށް ބޭނުންވާ އޫ ތައްޔާރު އެއް ދުވަސް. އަންގާރަ ދުވަހުގެ ހެނދުނު 05:45ގައި ފުރައިގެން 03:00 އަށް ލަފާގޮތަށް މަހަށް ފުރާނެ. އައިސް މަހެއް ބޭނުން ނުކުރާނެ. ތާޒާ މަސް ބޭނުން ކުރާނީ. އަންނަ އިރު މަސް ބާނާ، ޅިޔަ އަޅާ ތައްޔާރުކޮށްފައި ހުންނާނީ.
އަސަދުއްﷲ

މި ބަރބަކިއު އަށް އަންހެން ވެރިންގެ ދައުރުވެސް ވަރަށް މުހިންމެވެ. އެއީ ހެނދުނު ސަޔާއި މެންދުރުގެ ކެއުމާއި ތައްޔާރުކުރަނީ ހުރިހާ އެންމެން އެކުގައި އެންމެން އެއް ޖަމާއަތެއްގައެވެ. އަދި މަސްވެރިންނަށް ފަރިވަޅު އެރުވުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސަނީ ހަމަ މި އަންހެން ވެރިންނެވެ. އަންހެން ވެރިންގެ ޓާސްކުތަކުގެ ތެރޭގައި ނޫނީ މަސައްކަތްތަކުގެ ތެރޭގައި ދެން ހިމެނެނީ ރޮށްޓާއި، ބޮނޑިބަތް ތައްޔާރުކުރުމެވެ. އެ މަސައްކަތް ވެސް ކުރަނީ އެންމެން އެކުގައެވެ.

އުލިގަމު ބަރބަކިއު

މީގެ އިތުރުން އަންގާރަ ދުވަހުގެ 06:00 އިން ފެށިގެން މަސް ފިހާ ބެޑް ތައްޔާރުކޮށް، މިރުސްގަނޑު ތައްޔާރުކުރުުގެ ކަންކަން ފަށާނެ ކަމަށް އަސަދުﷲ ވަނީ ބުނެފައެވެ. ބާބަކިއު ފަށަނީ 08:30ގައެވެ. މުޅި މި ހަރަކާތަކީ ރަށުގެ އެންމެންނާ ރަށަށް އަންނަ މެހެމާނުން ބައިވެރިވާ ހިތްގައިމު ހަރަކާތެކެވެ. އަދި މިއީ މިހާރު އުލިގަން ރާއްޖެ އަށް މަޝްހޫރުކޮށްލާ ފަދަ މަޤްބޫލް ބަރބަކިއުއެެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް