ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސްއަޅައިފިއެވެ.
ހޮނިހިރު ދުވަހު މި ހިނގާލުން ފަށާފައި ވަނީ އެމްޑީޕީ އޮފީސް ކުރަމަތިންނެވެ. ހިނގާލުމުގެ ބައިވެރިން މަޖީދީ މަގުން އެމްޑީޕީ ހަރުގެ ސަރަހައްދަށް ދިޔަ އިރު ފުލުހުން ހުރަސް އަޅާއިފައެއް ނުވެއެވެ. އެހެންނަމަވެސް އެމްޑީޕީ ހަރުގެ ސަރަހައްދަށް އާންމު ރައްޔިތުން ޖަމާއި ވުމާއި އެކު އެސްއޯ ފުލުހުން މަގު ބަންދުކުރިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ޙައްގެއް ކަމަށެވެ. އަދި ފަހަކަށް އައިސް ފުލުހުން އަމަލުކުރަމުން ދަނީ ގާނޫނާއި ހިލާފަށް ކަމަށް ނިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ހަރުގެ ތެރޭގައި އަޑުގަދަ ކުރާ ބޭނުންކޮށްގެން ވާހަކަ ދައްކަވަމުން ، ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވަނީ ރައީސް އަބްދުﷲ ޔާމީން ގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި ފުލުހުނާއި ސިފައިން ގާނޫނު އަސާސީ ތަބާވުމަށް ގޮވާލިއެވެ.
މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ކާމިޔާބްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް އާޒިމް ވިދާޅުވިއެވެ.
ކުރީގެ އެމްޑީޕީގެ ޗެއާޕާސަންގެ މަލީ އަލީ ޝިޔާމް ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތަކުގައި ވީހާވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް ގޮވާލާފައެވެ. މި ހަރަކާތް ނިންމާލާފައި ވަނީ އާދީއްތަ ދުވަހުގެ ރޭ 9:00 ގައި އެމްޑީޕީ އޮފީސް ކުރިމައްޗަށް އެއްވާނެ ކަމަށް އައުލާން ކުރުމަށް ފަހުގައެވެ.