ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް މުއްދަތު ޖެހުމުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުން ކަނޑައެޅި ކަމަށް އަމީތުގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އަލީ ޒާހިރު މިކަން ހަމާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުމުހައްމަދު އަމީތާއި އިބްރާހިމް ވަހީދާއި ސައުދު ހުސެއިންގެ ގާނޫނީ ޓީމުގެ ފަރާތުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އަލީ ޒާހިރު ވިދާޅުވީ މެމްބަރު އަމީތު ހައްޔަރު ކޮށްފައިވާ ސަބަބު ގުޅިފައިވަނީ މަޖިލިސް މެމްބަރަކަށް ނުވެ ހުއްދަ ނެތި މަޖިލީހަށް ވަނުން ކަމަށްވާތީ ވަކި ނިންމުމެއްގެ ގޮތުގައި މެމްބަރެއް ނޫން ކަމަށް ނިންމެވި ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކްރިމިނަލް ކޯޓުން ނުނިންމޭއިރު އެކަން ނިންމާފައިވާކަން އާންމުންގެ ތެރޭ ދަންވަން ބޭނުންވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން އެ މައްސަލަ އެގޮތައް ނިންމެވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމެވެ.
" ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ނޫނިއްޔާ މި ދާއިރާގައި މަސައްކަތްކުރާ މީހެއްގެ ހަސިއްޔަތުން ޕަބްލިކްގައި ދައްކަން ބޭނުންވި ވާހަކައެއް ނޫން އެއީ. އެހެން ނަމަވެސް އެކަން ހިނގާދިޔައީ އެގޮތައް. އެހެންވެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމި ނަމަވެސް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މަގާމުން ވަކި ކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމާމެދު ހިލާފެއް އުފެއްދިއްޖެ ނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަމީތާއި ވަހީދާއި ސައުދުގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އަލީ ޒާހިރު ވިދާޅުވީ އެއީ އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށާއި އެކަމު އެމީހުން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.
އަދި އެ ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލިސްކުރާގެއަށް ވަން ކަމުގެ ތުހްމަތުގައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެހެން ކަމުން އެ ތިން މެމްބަރުންވެސް ގޮނޑިގެއްލިފައިނުވާކަން ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަވަހަށް ބަލައިދިނުމަށް އެދޭ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ މީގެ ކުރިންވެސް ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން މުހައްދު ވަހީދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސީދާ ކްރިމިނަލް ކޯޓުން ނުނިންމަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށާއި އެއީ މެމްބަރުން ނޫން ކަމަށް ބެލި ނަމަވެސް ފުލުހުން އެމީހުން ހައްޔަރު ކުރުމުގައި އަމަލު ކުރީ ޖިނާއީ އިޖްރާއަތުގެ ގާނޫނާ ހިލާފަށް މަހްފޫޒު ވިދާޅުވި އެވެ.