ކ. މާލެ
|
31 ޑިސެންބަރ 2023 | އާދީއްތަ 13:41
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓުގެ އައު އިމާރާތް
ކްރިމިނަލް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ފެށެން އޮތީ އާބަންކޯގެ ބޯޑުން ޕްރޮކިއުމަންޓުގެ ހުއްދަ ދީގެން
 
އާބަންކޯގެ އައު މެނޭޖްމަންޓު އައި ފަހުންވެސް ޑީޖޭއޭއިން އެ މަސައްކަތް އަވަސް ކޮށްދިނުން އެދި އާބަންކޯއަށް ސިޓީ ހުށަހެޅި
 
އާބަންކޯއާ އެ މަސައްކަތް ޙަވާލުކުރީވެސް ވީހާވެސް އަވަހަށް އެ މަސައްކަތް ގެންދިއުމަށް
 
އެ މަސައްކަތްތަކަށް ބޭނުންވާ ބަޖެޓުވެސް 2023 ވަނަ އަހަރު ކަނޑައެޅި، އާބަންކޯއިން އެ މަސައްކަތް ކުރާގޮތަށް އޮތީ ހަމަޖައްސާފައި

ކްރިމިނަލް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ފެށެން އޮތީ އާބަންކޯގެ ބޯޑުން ޕްރޮކިއުމަންޓުގެ ހުއްދަ ދީގެންކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާ ވިދާޅުވެއްޖެއެވެ.

މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށް އިތުރު ގެއްލުންތައްވެ، ކޯޓުގައި ތާވަލުކޮށްފައިވާ ހުރިހާ އަޑުއެހުންތަކެއް ކެންސަލްކުރަން ޖެހިފައިވާއިރު، ކްރިމިނަލް ކޯޓަށް އައު އިމާރާތެއް ހަމަޖެއްސުމުގެ ކަންކަން ބަލަމުން ގެންދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

އެކަމާ ގުޅޭ އެކަމުގެ ފަހުގެ މައުލޫމާތު ހޯދާލުމަށް ރާއްޖެއެމްވީން ގުޅާލުމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާ ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އިމާރާތުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް ފެސިލިޓީ ހިންގި އިމާރާތް، ކްރިމިނަލް ކޯޓް ހިންގުމަށް ޓަކައި ނިމިދިޔަ ސަރުކާރުން ހަމަޖައްސައިދީފައިވާކަމަށެވެ.

އެހެންނަމަވެސް އެތަނުގައި ކޯޓުގެ ބޭނުމަށް ތައްޔާރުކުރަން ޖެހޭ ޝަރީއަތުގެ މާލަންތަކާއި، ކޯޓުގެ ބޭނުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަރާމާތުގެ ކަންކަން އެބަހުއްޓެވެ. އެކަންކަން ކުރުމަށް ބޭނުންވާ ކުރެހުންތައްވެސް ހުރީ ތައްޔާރަށްކަމަށް ރިޒްނާ ވިދާޅުވިއެވެ.

އަދި އެ މަސައްކަތްތަކަށް ބޭނުންވާ ބަޖެޓުވެސް 2023 ވަނަ އަހަރު ކަނޑައެޅި، އެޗްޑީސީ (މިހާރުގެ އާބަންކޯއިން) އެ މަސައްކަތް ކުރާގޮތަށް ސަރުކާރުން ހަމަޖެއްސިކަމަށް އޭނާ ވިދާޅުވިއެވެ. އާބަންކޯއާ އެ މަސައްކަތް ޙަވާލުކުރީވެސް ވީހާވެސް އަވަހަށް އެ މަސައްކަތް ގެންދިއުމަށްކަން ފާހަގަ ކުރައްވައި ރިޒްނާ ވިދާޅުވީ، މަސައްކަތުގެ ބަޖެޓުގެ ބާކީ ބައި 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވެސް ފިނޭންސް މިނިސްޓްރީން ހިމަނާފައިވާކަމަށެވެ.

އެހެންނަމަވެސް އާބަންކޯއިން އެ މަސައްކަތް ފެއްޓެން އޮތީ އާބަންކޯގެ ބޯޑުން ޕްރޮކިއުމަންޓުގެ ހުއްދަ ދީގެންނެވެ. ރިޒްނާ ވިދާޅުވީ، އާބަންކޯގެ އައު މެނޭޖްމަންޓު އައި ފަހުންވެސް ޑީޖޭއޭއިން އެ މަސައްކަތް އަވަސް ކޮށްދިނުން އެދި އާބަންކޯއަށް ސިޓީ ހުށަހަޅާފައިވާނެކަމަށެވެ.

ޑީޖޭއޭއިން އެ މަސައްކަތް އަވަސް ކޮށްދިނުން އެދި އާބަންކޯގެ އިތުރުން، ޖުޑީޝަރީ ކޮމިޓީއަށްވެސް ފޮނުވާފައިވާނެކަން ރިޒްނާ ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގައި ކުރިއަށްދާނެ ގޮތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށްވެސް ސިޓީ ހުށަހަޅުއްވާނެކަމަށް ރިޒްނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތުގައި ހިމެނޭ ހަތަރުބުރީގެ ބައު އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓައިލައި ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި، ވޯކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުންނާއި، ޝިފްޓް ޑިއުޓީގެ އުސޫލުން ކުރާ ގޮތަށް ޖުޑީޝަރީން އޮތީ ނިންމާފައެވެ. އެހެންވުމުގެ ސަބަބުން ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދަން ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ކްރިމިނަލް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ފެއްޓެން އޮތީ އާބަންކޯގެ ބޯޑުން ޕްރޮކިއުމަންޓުގެ ހުއްދަ ދީގެންކަމަށްވާއިރު، އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން އާބަންކޯއިން ބުނީ، އެކަމާ ގުޅޭ މައުލޫމާތު ސާފުކޮށްލުމަށްފަހު ފަހުން ޖަވާބެއް ދޭނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް