ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 14:29
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
ރާއްޖެ އެމްވީ
މެންބަރު ފަލާހު
މެންބަރު ފަލާހުގެ މައްޗަށް ވެސް ޖިނާއީ ހަތަރު ތުހުމަތެއް ކޮށްފި
ބައެއް މެންބަރުން ބަންދުގައި، ބައެއް މެންބަރުންގެ މައްޗަށް ތަހުގީގާއި ޝަރީއަތް
މަޖިލިސް މެންބަރުންނަށް މިވަރުގެ ކަންކަން ކުރިން ދަމާވެފައެއް ނުވޭ
މަޖިލިސް މެންބަރުންނަށް މަޖިލީހަށް ނުވަދެވޭނެ ގާނޫނީ އަސާސެއް ނެތް

 ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ މައްޗަށް ވެސް ޖިނާއީ ހަތަރު ތުހުމަތެއް ފުލުހުން ކޮށްފި އެވެ.

މިމަހުގެ 24 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގަތުމުން، އެ މެންބަރުންނަށް ހުރަސް އަޅައި ފުލުހުން ހިންގި ކަންތައްތަކާ ގުޅިގެން މަޖިލިސް މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއްކޮށް ތަހުގީގު ދަނީ ހިންގަމުންނެވެ. އެގޮތުން ފަލާހުގެ އިތުރުން، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ގެ މައްޗަށް ވެސް ހަތަރު ތުހުމަތެއްކޮށްފައިވެއެވެ. އިބޫއާއި ފަލާހުގެ އިތުރުން، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ވެސް ތުހުމަތުތައްކޮށް ތަހުގީގު ދަނީ ހިންގަމުންނެވެ. 

އެ މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ފުލުހުންގެ ސަފުތައް ފަޅާލުމާއި، ގާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމާއި ،ހުއްދަނޫން ތަނަކަށް ވަނުމުގެ އިތުރުން މާރާމާރީ ހިންގުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ.

މެންބަރު ފަލާހުގެ މައްޗަށް ހިންގާ ތަހުގީގުގައި ހުކުރު ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު، ހޮނިހިރު ދުވަހުގެ ހެނދުނު ވެސް ވަނީ ހާޒިރުކޮށްފަ އެވެ. 

ގާތްގަނޑަކަށް ތިން ގަޑިއެއްހާއިރު ފުލުހުންގެ އިދާރާގައި ހުންނެވުމަށް ފަހު ނިކުމެވަޑައިގެން ފަލާހު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އޭނާ ދެއްވި ބަޔާން ފުލުހުން ލިޔެފައި ވަނީ ރަނގަޅަށް ނޫން ކަމަށާއި އެހެންކަމުން ހޮނިހިރު ދުވަހު އަލުން ބަޔަން ދެއްވާފައިވާނެ ކަމަށެވެ. ފަލާހު ވަނީ ވަކި މިސްރާބަކަށް ތަހުގީގު ގެންދަން ފުލުހުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް، އޭނާ ވިދާޅުވީ ތަހުގީގުގައި ފުލުހުން އެދުނު ހުރިހާ ކަމަށް އެއްބާރުލުން ދެއްވާފައިވާނެ ކަމަށެވެ.

ފަލާހު ވިދާޅުވީ މަޖިލިސް މެންބަރުންނަށް މަޖިލީހަށް ނުވަދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އަދި އެކަން ކުށަކަށް ވާނެ ގޮތެއް ވެސް ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ތަހުގީގުތަކެއް ހިންގަނީ، މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމަށް ފަހު ޕީޕީއެމްއަށް އަލުން މަޖިލިސް މެޖޯރިޓީ "ލިބިއްޖެޔޭ" ބުނުމުގެ ބޭނުމުގަ އެވެ.

ފަލާހު ވަނީ ފުލުހުންގެ ބަންދުގައި ތިބި މެންބަރުން ދޫކޮށް، މެންބަރުންގެ މައްޗަށް ހިންގާ ތަހުގީގުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފަ އެވެ. ފަލާހު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ކުރިމަތިވަމުންދާ ފަދަ ކަންތައްތަކެއް މީގެ ކުރިން އެއްވެސް އިރެއްގައި މަޖިލިސް މެންބަރުންނަށް ދިމާވެފައެއް ނުވެ އެވެ.

ފަލާހުގެ ގާނޫނީ ވަކީލު ސަފާ ޝަރީފް ވެސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަނުން ކުށަކަށް ވާނެ އެއްވެސް ގާނޫނީ އަސާސެއް ނޯންނާނެ ކަމަށެވެ. އަދި މެންބަރުން މަޖިލީހަށް ވަނުމަށް ފުލުހުން ހުރަސްއަޅާފައިވާއިރު، އެއީ ވަރަށް ބޮޑު ކުށެއް ކަމަށާއި އެ ކުށް ކުރި ފުލުހުންގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ސަފާ ވިދާޅުވި އެވެ.

ފަލާހު އާއި ރިޔާޒާއި، އިބޫގެ މައްޗަށް ތަހުގީގު ހިންގާއިރު، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިހާރު ވެސް ތިއްބެވީ ބަންދުގަ އެވެ. ފާރިސްގެ މައްޗަށް ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ހިންގާއިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ. އަބްދުﷲ ރިޔާޒުގެ މައްޗަށް ވެސް ދައުވާއެއް ކުރިއިރު، އެ މައްސަލަ ދަށު ކޯޓުން ވަނީ ސާބިތުނުވާ ކަމަށް ކަނޑައަޅާފަ އެވެ. ދައުލަތުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

- ކޮމެންޓް