ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 15:31
އިންޑިޔާގެ ޗެންނާއީގައި އެމޯނިޔާގޭސް ލީކްވުމުން މީހުން މަގުމައްޗަށް ނިކުމެ
އިންޑިޔާގެ ޗެންނާއީގައި އެމޯނިޔާގޭސް ލީކްވުމުން މީހުން މަގުމައްޗަށް ނިކުމެ
ވަޔަން
ޗެންނާއީގައި އެމޯނިޔާ ގޭސް ލީކްވުން
ޗެންނާއީގައި އެމޯނިޔާ ގޭސް ލީކްވުމުގެ ސަބަބުން އެތައް ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
 
އެމޯނިޔާގޭހުގެ ވަސް ގަދަކަމުން، ހޮޅި އަޅާފައި އޮންނަ ބީޗް މަގުން ރޭގައި ހިނގަންވެސް ނުކެރޭކަމަށް އަވަށުގެ މީހުން ބުނި

އިންޑިޔާގެ ޗެންނާއީގައި ކޯރެއްގެ އަޑިން އަޅާފައިވާ ހޮޅިއަކުން އެމޯނިޔާ ގޭސް ލީކްވުމުގެ ސަބަބުން، ނޭވާހާސްވެ އެތައްބަޔަކު ހޮސްޕިޓަލުން ފަރުވާދޭން ޖެހިއްޖެއެވެ. އަންގާރަ ދުވަހުގެރޭ ހިނގި މިހާދިސާގައި އެހިސާބުގައި ދިރިއުޅޭ މީހުންނަށް ނޭވާލާން އުނދަގޫވެ، މޫނުމަތިން ދިލަނެގުންފަދަ އުދަގޫ ތަކެއްވާތީ ބިރުން މީހުން ދުވެ މަގުމައްޗަށް ނިކުމެފައިވާކަމަށް ޚަބަރުލިބެއެވެ.

ދަ ހިންދޫ ނޫހާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާގޮތުން، ތިރީހަކަށް މީހުން ހޮސްޕިޓަލަށްވެސް ގެންގޮސްފައިވާއިރު، ފުލުހުންނާ ފަޔަރ ސަރވިސްގެ އޮފިސަރުން ވަގުތުން ހަރަކާތްތެރިވާން ފަށާ މައްސަލަ ވަނީ ދެނެގަނެވި ހައްލުކޮށްފައެވެ. އަދި ލީކް ވީތަން ވަނީ ބަންދުކޮށްފައެވެ.

އެ އަވަށުގެ ޖޮއިންޓް ކޮމިޝަނަރ އޮފް ޕޮލިސްވެސް ވިދާޅުވެފައިވާގޮތުގައި ލީކްވި އެމޯނިޔާ ގޭހުގެ އަސަރުކޮށްގެން ހަތަރުހާހެއްހާ މީހުން ވަނީ ރޭ ދަންވަރު މަގުތައްމައްޗަށް ނިކުމެފައެވެ. ނަމަވެސް ވީގޮތް ބުނެދީ ގޭސްލީކްވި ތަން ބަންދުކޮށްފައި ވާކަން ބުނެދިނުމުން، ހާސްކަން ކެނޑި މީހުން ގޭގެއަށް ވަދެފައިވާކަމަށް ވިދާޅުވެފައި ވެއެވެ.

ހޮސްޕިޓަލުން ފަރުވާދެވުނީ 14 މީހުންނަށް ކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު، އަނެއްބައި ރިޕޯޓްތައް ބުނިގޮތުން މަދުވެގެން 30 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އެބައާދެއެވެ.

ހާދިސާ ހިނގި އަވަށުގެ މީހުން ބުނެފައިވާ ގޮތުން އެމޯނިޔާގޭހުގެ ވަސް ގަދަކަމުން ހޮޅި އަޅާފައި އޮންނަ ބީޗް މަގުން ރޭގައި ހިނގަންކެރޭ ވަރެއްވެސް ނޫނެވެ. މީގެ އިތުރުން މޫނު މަތިން ދިލަ ނެގުމާއި ނޭވާހާސްވުން ފަދަ އުދަގޫތައް ކުރިމަތިވެފައިވާކަމަށް އެމީހުން ބުނެފައި ވެއެވެ. ލީކް ހިނގި ހިސާބުގެ ގެތަކުގައި ކެތްނުކުރެވިގެން ގިނަބަޔަކު ނިދުމަށްޓަކައި ފައްޅިތަކަށްވެސް ގޮސްފައިވާ ކަމަށްވެއެވެ. މީގެ އިތުރުން ކޯރުން މަސްވެސް މަރުވެގެން މައްޗަށް އަރާފައިވާކަމަށް މީހުން މައުލޫމާތު ދީފައިވެއެވެ.

ޗެންނާއީގައި އެމޯނިޔާ ލީކްވެފައިވަނީ އިންޑަސްޓްރިއަލް ޔުނިޓަކަށް ގޭސް ދޫކުރުމަށް އަޅާފައިވާ ހޮޅިއަކުންނެވެ. އޮފިޝަލުން ވަނީ ވަގުތުން ހޮޅި ބަންދުކޮށް، މައްސަލަ ހައްލުކޮށްފައެވެ. 

މިހާދިސާއާ ގުޅިގެން އެހިސާބުގެ މަސްވެރިން މިއަދު އިހުތިޖާޖު ކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލަކަށް އެދި އަޑުއުފުލާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް