އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ލުލަބު ވެމްކޯ ބަލިވާން ދިމާވި އެންމެ ބޮޑު ސަބަބަކީ، ފައިނަލް މެޗުގައި އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުން ކަމަށް އެ ޓީމުގެ ކޯޗު އިބްރާހީމް ނިޒާރު (ބޮޑޭ) ބުނެފި އެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ސިޓީ ސްޕޯޓްސް ކުލަބާ ވާދަކޮށް ވެމްކޯ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ނިޒާރު ބުނީ، ކުޅިވަރަކީ ތަފާތު އެއްޗެއް ކަމަށާއި، ޚާއްސަކޮށް ފައިނަލް މެޗަކީ ތަފާތު މެޗެއް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުން ވެމްކޯ އިން މިއަހަރުގެ މުބާރާތަށް ތައްޔާރުވީ ވަރަށް ވަރުގަދަ އަށެވެ. މުބާރާތުގެ ފައިނަލް މެޗާ ހަމައަށް އާދެވުނުއިރު، ވެމްކޯ އޮތީ ވަރަށް ރަނގަޅަށްކަން ފާހަގަކޮށް އޭނާ ބުނީ، ފައިނަލްގެ ކުރިން ކުރިއަށް ގެންދިޔަ، އެންމެ ފަހުގެ ފަރިތަކުރުން ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް ފައިނަލް މެޗާ ކުރިމަތިލައި، ކުޅެން ޖެހޭ މިންވަރަށް ޓީމަށް ނުކުޅެވުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ނިޒާރު ބުނީ އެންމެ ބޮޑު މައްސަލަ އަކީ ވެމްކޯ އަށް ފައިނަލް މެޗުގައި އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުން ކަމަށެވެ. އަނެއްކޮޅުން ވެމްކޯ ޓީމަށް ނަސީބު ވެސް ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނިޒާރު ބުނި ގޮތުގައި ވެމްކޯ ޓީމަށް އޭނާގެ ވަރަށް ބޮޑު އިތުބާރެއް އަބަދު ވެސް އޮވެ އެވެ. ނަމަވެސް، ފައިނަލް މެޗު ފެށުނު ވަގުތުން ފެށިގެން ވެސް، ވެމްކޯ އަތުން މެޗު މަޑުމަޑުން ދޫވަމުންދާކަން އިނގުނު ކަމަށް އޭނާ ބުންޏެވެ. އެއާއެކު ކުޅުންތެރިން ވެސް ވަރަށް މަސައްކަތް ކުރަން އުޅުނު ކަމަށާއި، ނަމަވެސް ޓީމަށް އެ ހިތްވަރު ނުލިބުން ކަމަށް އޭނާ ފާހަގަ ކުރި އެވެ.
އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ހަމަ ދިމާވި މައްސަލަ އަކީ، އަޅުގަނޑުމެންނަށް މިރޭ ހަމަ ރަނގަޅު އެއް ކަމެއް ވެސް ނުކުރެވުނީ. އެއީ އެންމެ ބޮޑަށް ދިމާވި އެއް މައްސަލަ އަކީ. އަޅުގަނޑުމެންނަށް ލަކް ވެސް ނުވީ މިރެޔަކު އަނެއްހެން ބުނަންޏާ. އެއީ އަސްލު ބަލިވާން ދިމާވި އެންމެ ބޮޑު ސަބަބަކަށް ވަނީ.އިބްރާހީމް ނިޒާރު (ބޮޑޭ) / ވެމްކޯގެ ކޯޗު
އިތުރަށް ވާހަކަ ދައްކަމުން ނިޒާރު ބުނީ، ވެމްކޯ ޓީމުގައި ޤައުމީ ފިރިހެން ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންގެ އިތުރުން، ބްރެޒިލް ޤައުމީ ޓީމުގެ ކުޅުންތެރިން ވެސް ތިބި ކަމަށެވެ. ނަމަވެސް، އެ ކުޅުންތެރިންނާއެކު ވެސް ވެމްކޯ އަށް މެޗު ކާމިޔާބު ނުކުރެވުނީ، ކުޅެންވީ ވަރަށް ނުކުޅެވުމުން ކަމަށް އޭނާ ޤަބޫލު ކުރެ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ކުޅުންތެރިންނަށް ނުކުޅެވުމުން، ޓީމަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ. ނިޒާރު ފާހަގަ ކުރި ގޮތުގައި ސިޓީ ސްޕޯޓްސް ކުލަބު ބަލި ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެމްކޯ އިން ކުރި އެވެ. ނަމަވެސް، ސިޓީ ޓީމު އޮތީ އެއަށްވުރެ މާވަރުގަދަކޮށް ކަމުގައި އޭނާ ވަނީ ބުނެފަ އެވެ.
ނިޒާރު ބުނީ ކުރިއަށް ހުރި މުބާރާތްތަކުގައި ވެމްކޯ އިން މަސައްކަތް ކުރާނީ ހުރިހާ ގޮތަކުން ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ. ނިޒާރު ބުނީ މިހާތަނަށް އައިއިރު ވެމްކޯ އަށް ފައިނަލް ކުޅެވޭ ކަމަށާއި، ނަމަވެސް ތައްޓެއް ކާމިޔާބު ކުރެވިފައި ނެތް ކަމަށެވެ. އޭނާ ބުނީ އެންމެ ބޮޑު އަމާޒަކީ ހެދެމުން އަންނަ ގޯސްތައް ރަނގަޅު ކުރުމަށްފަހު، ދެން ހުރި މުބާރާތްތަކަށް ނިކުތުން ކަމަށެވެ.