ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 12:12
ކުލަބު މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގެ ތެރެއިން
ކުލަބު މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގެ ތެރެއިން
ކްލަބު މޯލްޑިވްސް
ކުލަބު މޯލްޑިވްސް ކަޕް 2024
ކުލަބު މޯލްޑިވްސް ކަޕްގެ ފައިނަލްގައި ވެމްކޯ އާއި އާރްއާރްސީ
މި ދެ ޓީމަކީ މިދިޔަ އަހަރުގެ ކުލަބު މޯލްޑިވްސް ކަޕްގެ ފައިނަލްގައި ވެސް ކުޅެފައިވާ ދެ ޓީމެވެ.

މިއަހަރުގެ ކުލަބު މޯލްޑިވްސް ކަޕްގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި ރޯޑް ރެކްރިއޭޝަން ކުލަބު (އާރުސީސީ) ބައްދަލު ކުރަން ޖެހިއްޖެ އެވެ.

މި ދެ ޓީމަކީ މިދިޔަ އަހަރުގެ ކުލަބު މޯލްޑިވްސް ކަޕްގެ ފައިނަލްގައި ވެސް ކުޅެފައިވާ ދެ ޓީމެވެ. އާރުސީސީ ބަލިކޮށް، މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ ވެމްކޯ އިންނެވެ.

ވެމްކޯ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި ސްޓެލްކޯ ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗު ވެމްކޯ އިން ކާމިޔާބު ކުރީ 3-2ންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ވެމްކޯ އިންނެވެ. އެއީ މުޙައްމަދު އައްޒާމް އަދި ބިދޭސީ ކުޅުންތެރިޔާ އަލީ ރެޒާ ޝެއިހްލާރް އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ސްޓެލްކޯ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑަކީ ވެމްކޯ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. އަދި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖުމައިލް ޖަމީލު އެވެ. މެޗުން ވެމްކޯ މޮޅުވީ އިސްމާއިލް ވަޖީހް ޖެހި ލަނޑުންނެވެ.

އާރުސީސީން ވަނީ ސެމީ ފައިނަލްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިފަ އެވެ. މެޗުގައި އާރުސީސީން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޢަބްދުﷲ މިދުހަތު ފަހުމީ ޖެހިއިރު، ދެ ވަނަ ލަނޑު ޖެހީ އިބްރާހިމް އަސްވަދު (ގަބޭ) އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެމްޕީއެލް އިން ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އަޙުމަދު ބައްސާމް މުޙައްމަދު ޖެހިއިރު، ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ އަލީ ޝަމާލް އަބްދުﷲ ޖެހި ލަނޑުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި އާރުސީސީން ވަނީ އަނެއްކާ ވެސް ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙުމަދު ރިޒުވާން (ރިޒޭ) އެވެ. ނަމަވެސް ތިން ވަނަ ލަނޑެއް ޖަހައި އެމްޕީއެލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި އާރުސީސީން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެމްޕީއެލް އަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ.

މިއަހަރުގެ ކުލަބު މޯލްޑިވްސް ކަޕްގެ ފައިނަލް އޮންނާނީ ހުކުރު ދުވަހުގެ ރޭ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް