ކ. މާލެ
|
19 އޮކްޓޯބަރ 2024 | ހޮނިހިރު 11:17
ވެމްކޯ އިން ކުލަބު މޯލްޑިވްސް ކަޕްގެ ތަށި އުފުލާލަނީ
ވެމްކޯ އިން ކުލަބު މޯލްޑިވްސް ކަޕްގެ ތަށި އުފުލާލަނީ
ސިޑިބަރި
ކުލަބު މޯލްޑިވްސް ކަޕް
ފަހަތުން އަރައި މޮޅުވެ، ވެމްކޯ އިން ކުލަބު މޯލްޑިވްސް ކަޕް ދިފާއު ކޮށްފި
މިއަހަރުގެ ކާމިޔާބާ އެކު ވެމްކޯ ވެގެން ގޮސްފައި ވަނީ ކުލަބު މޯލްޑިވްސް ކަޕްގެ ތަށި ދިފާއު ކުރެވުނު ހަތަރު ވަނަ ޓީމަށެވެ.

ކުލަބު މޯލްޑިވްސް ކަޕްގެ ފައިނަލްގައި ރޯޑް ރެކްރިއޭޝަން ކުލަބު (އާރުސީސީ) އާ ދެކޮޅަށް ކުޅުނު މެޗުގައި، ފަހަތުން އަރައި މޮޅުވެ ކުލަބު ވެމްކޯ އިން މުބާރާތުގެ ތަށި ދިފާއު ކޮށްފި އެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ވެމްކޯ އިން ކާމިޔާބު ކުރީ 4-1ންނެވެ. އެއީ މެޗުގައި އާރުސީސީން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.

މެޗުގައި ޢަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑު) ޖެހި ލަނޑާ އެކު އާރުސީސީން ވަނީ ކުރި ހޯދައިފަ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެމްކޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ދެ ވަނަ ހާފުގައި ވެމްކޯ އިން ލީޑު ނެގީ އަލީ ޝިޔާހު ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގައި އޭނާ ވަނީ އިތުރު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކު ވެސް ފުރިހަމަ ކޮށްފަ އެވެ.

މުބާރާތުގެ ކިންގު އޮފް ފުޓްސަލް އަށް ހޮވުނީ ވެމްކޯގެ ޢަބްދުﷲ ޖުނައިދު އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެމްކޯގެ ކޯޗު އަޙުމަދު ޠާހާ އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ވެމްކޯގެ ޖުނައިދު، ޝިޔާހު، ޢަބްދުﷲ ޒިމާމްގެ އިތުރުން އާރުސީސީގެ ބިޗަޑު އަދި އަލީ ޙާފިޒު (ހާއްޕެ) އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އާރުސީސީގެ ބިޗަޑު އެވެ.

މިއަހަރުގެ ކާމިޔާބާ އެކު ވެމްކޯ ވެގެން ގޮސްފައި ވަނީ ކުލަބު މޯލްޑިވްސް ކަޕްގެ ތަށި ދިފާއު ކުރެވުނު ހަތަރު ވަނަ ޓީމަށެވެ.

- ކޮމެންޓް