ދުނިޔޭގައިވާ 25000 ވޯޓާ ބަނގަލޯގެ 80% ހުރީ ރާއްޖޭގައި ކަމަށް މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެއެވެ.
މަސީގެ ބިލްޑަރ އެވޯޑްސް ދިނުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ޖަނާހް ވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ތާރީހަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދިވެހިންނަކީ ޒަމާނުއްސުރެ އިމާރާތްކުރުމުގެ ދާއިރާގައި ފަންނުވެރި ބައެއް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ދިވެހި ތާރީހުގައި ދިވެހިންގެ އަތުން ބިނާކުރެވިފައިވާ ވަރަށް ގިނަ ތަންތަން ފެންނަން އެބަހުރި ކަަމަށާއި، މީގެ 100 އެތައް އަހަރެން ކުރިން ފެށިގެން ދިވެހިންގެ އިމާރާތްތައް ދިވެހިން އަމިއްލަ އަށް ބިނާކުރަމުން އައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިންޖިނިއަރިންގެ ކުޅަދާނަކަމާއި، ހިރިގަލުން ތަކެތި ހަދާފައި ހުރި މޮޅު އުކުޅުތައް ރާއްޖެ އިން ފެންނަން ހުރުމަކީ ފަޙުރުވެރި ތާރީހެއް ލިބިދޭ ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އެކަން ދިވެހިން ބަދަލުކުރީ ފަހުރުވެރިވާ އުސޫލަކުން ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.
އެގޮތުން އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކުގެ ތެރެއިން ހަތްދިހައިގެ އަދި އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ދިވެހިން ރިސޯޓްތައް ޤާއިމްކުރަން ފެށިކަން އޭނާ ފާހަގަކުރެއްވިއެވެ. އެ މަސައްކަތުގެ މަތީގައި ދެމިތިބެ މިއަދު ރާއްޖެ އަކީ ދުނިޔޭގެ އެންމެ ކުޅަދާނަ ރިސޯޓް ހަދާ މީހުންކަމަށް ދައްކުވައިދީފައިވާ ކަމަށް ޖަނާހު ވަނީ ވިދާޅުވެފައެވެ. ޖަނާހު ވަނީ ދިވެހިރާއްޖެއަކީ ޓުއަރިޒަމް އިންޑަސްޓްރީގެ ދުނިޔޭގެ ނަންބަރ 1 ކަން ފާހަގަކުރައްވާފައެވެ. ރާއްޖެ އަކީ ޓުއަރިޒަމް އިންޑަސްޓްރީއަށް ދުނިޔެއިން އެންމެ މޮޅު ޕްރޮޑަކްޓް ނެރެދޭ ޤައުމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޕްރޮޑަކްޓް އެގޮތަށް ނެރެދެވެނީ ކުޅަދާނަ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ކޮލިޓީ ޕްރޮޑަކްޓް ނެރެދެވޭތީ ކަމަށް ޖަނާހު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއަކީ ޢިމާރާތްކުރުމުގެ ސިނާއަތުގައި ވަރަށް މޮޅު މީހުން އުޅޭ ޤައުމެއްކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ލީޑިންގ ޑެސްޓިނޭޝަނަކަށް ރާއްޖެ ވަނީ މާކެޓް އިޝްތިހާރުކުރުމާއި ފަތުރުވެރިންގެ އަދަދުން އެކަނި ނޫން ކަމަށާއި އެކަން ކުރެވެނީ ރާއްޖެއިން ފަތުރުވެރިންނަށް ރަނގަޅު ޕްރޮޑަކްޓެއް ފޯރުކޮށްދެވޭތީ ކަމަށް ޖަނާހް ވިދާޅުވިއެވެ.