ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 23:06
މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ
މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ
ރާއްޖެއެމްވީ
ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންބޮޑުވުން
ކޮށްފައި ހުރި މަސައްކަތްތަކަށް ސަރުކާރުން ފައިސާ ނުދޭތީ ކޮންސްޓްރަކްޝަން އިންޑަސްޓްރީން ކަންބޮޑުވެއްޖެ
މަސީން ބުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ހުރި ބިލްތަކަށް ވެސް ފައިސާ ނުލިބޭ ކަމަށް

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓަމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އަތޮޅު ތެރޭގައި ކޮންޓްރެކްޓަރުން ކޮށްފައިވާ މަސައްކަތްތަކަށް ސަރުކާރުން ފައިސާ ނުދީ ގިނަ ދުވަސްވަމުންދާ މައްސަލައިގައި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

އެ އެސޯސިއޭޝަނުން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުރީ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ނުލިބި ހުރި ފައިސާ އެބަހުރި ކަމަށެވެ.

ކޮންޓްރެކްޓަރުންނަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް މަސީން ނިންފައިވަނީ ވަގުތީ ކޮމިޓީ އެއް އުފައްދާ، އެ ކޮމިޓީން ކަމާބެހޭ ތަންތަނަށް ޒިޔާރަތް ކޮށްގެންނެވެ.

"މަސައްކަތް ކޮށް އިންވޮއިސް ހުށަހެޅުމުން، ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ދިމާވެފައިވާ ކަންކަން ހައްލު ކުރުމަށް އަޅާނެ ފިޔަވަޅު ތަކާ ބެހޭ ގޮތުން ސަރުކާރާ މަޝްވަރާ ކުރުމަށް ޚާއްސަ ވަގުތީ ކޮމިޓީއެއް މަސީ އިން މިއަދު އުފައްދައިފިން،" މަސީ ގެ ބަޔާނުގައި ވެއެވެ.

މަސީން ބުނެފައިވަނީ މަޝްރޫއުތައް ހިންގާ އޮފީސް ތަކާއި ކުންފުނި ތަކާއި، މިނިސްޓްރީ އޮފް ފިނޭންސް އާ ބައްދަލު ކޮށް ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް މި އެކުލަވާލެނު 6 މެމްބަރުންގެ ކޮމިޓީން ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮންޓްރެކްޓަރުންނަށް ސަރުކާރުން ފައިސާ ލިބުމުގައި ގިނަ ދުވަސް ވުމުގެ މައްސަލަ ފެންމަތިވިއިރު، ރާއްޖޭގެ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މަސްވެރިން ވަނީ މުޒާހަރާތައްވެސް ކޮށްފައެވެ.

މަސްވެރިންގެ އެތަކެއް މުޒާހަރާގެ ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން ސަރުކާރުން ވަނީ މަސްވެރިންނަށް ނުދީ ގިނަދުވަސް ވެފައި ހުރި ފައިސާ ދީ ނިންމާނެ ކަމަށް ބުނެފައެވެ.

- ކޮމެންޓް