Advertisement
ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 22:09
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
ރާއްޖެ އެމްވީ
ސައުދު ހައްޔަރުކުރުން
މެންބަރު ސައުދު ބަންދުކޮށް 15 ދުވަސް ޖަހައިފި
ސައުދު ހައްޔަރު ކުރީ މިއަދު އަމިއްލަފުޅަށް ފުލުުހަށް ހާޒިރުވެ ހުންނަވަނިކޮށް
ސައުދު މިއަދު ފުލުހަށް ހާޒިރުވެވަޑައިގަތީ ފުލުހުން އޭނާގެ ފޮޓޯޖަހާ ހޯދަން އިއުލާނުކުރި ސަބަބު ސާފުކުރުމަށް
އޭނާ ހައްޔަރުކުރުމަށްފަހު ލަސްތަކެެއް ނުވެ ވަނީ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށްފައި

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ ބަންދަށް 15 ދުވަސް ޖަހާފައި މި ވަނީ، ސަައުދު ހޯދުމަށް ފުލުހުން އިއުލާނުކޮށް އޭނާގެ ފޮޓޯއާއި އެކު ފުލުހުން ބުރާސްފަތި ދުވަހުގެރޭ އާއްމުކުރުމުން އަމިއްލަފުޅަށް ހުކުރު ދުވަހުގެ ހަވީރު ފުލުހުހަށް ހާޒިރުވެ ހުންނަވަނިކޮށް ހައްޔަރުކުރުމަށްފަހުއެވެ. އޭނާ ހައްޔަރުކުރުމަށްފަހު މާ ގިނަ އިރު ތަކެއް ނުވަނީސް މުއްދަތު ޖެހުމަށް ކްރިމިނަލް  ކޯޓަށް ގެންދިިިޔައެވެ.

 

ސައުދު ހޯދުމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ގއ. ވިލިނގިލި އަޅިވިލާގެ އުމުރުން 36 އަހަރުގެ ސައުދު ހުސައިން ހޯދަމުންދާ ކަމަށެވެ. ސައުދު ހުސައިންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒު ކްރައިމް ޑިޕާޓްމެންޓަށް ގުޅައި، އެ މައުލޫމާތު ހިއްސާކުރުމަށް އެދޭކަމަށެވެ.

 

ސައުދު ހޯދުމަށް ފުލުހުން އިޢުލާނުކުރުމާއި ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަިއވަނީ، ފުލުހުންގެ ޒިންމާދާރުކަން ވަރަށް ކުޑަ ކަމަށެވެ. އަދި ގެއްލުވާލަން އުޅުނު ނަމަވެސް ނުގެއްލޭނެ ކަމަށާއި، ނުވެސް ފިއްލަވާނެކަމަށް ސައުދު ވިދާޅުވެފައިވެއެވެ. އެއާއެކު އަމުރު ރަނގަޅުތޯ ސައުދު ވަނީ ސުވާލުކުރައްވާފައެވެ.

 

ހުކުރު ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުން އެބޭފުޅާ ހައްޔަރުކުރި އިރު، މިދިޔަ އަންގާރަ ދުވަހު ރޭ ވެސް ސައުދު ހައްޔަރުކުރިއެވެ. އެހެން ނަމަވެސް ކޯޓުއަމުރުގައި ހުރި މައްސަލަތަކަކާއި ގުޅިގެން އޭނާ ވަނީ ފަހުން ދޫކޮށްލާފައެވެ.

އޭނާ އެފަހަރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާކަމުގެ ތުހުމަތުގައެވެ.އެހެން ނަަމަވެސް އަމުރުގައި ހައްޔަރުކުރުމަށް ބޭނުންވާ ސަބަބުގެ ގޮތުގައި ހިމަނާފައިވާ ބައިގައި ވަނީ މުހައްމަދު އަމީތު އަހްމަދު މަނިކުގެ ނަމެވެ.

ސައުދުގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރެވުނު މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ބަންދަށްވެސް ކުރިމިނަލް ކޯޓުން ހުކުރު ދުވަހުގެރޭ ވަނީ 15 ދުވަސް ޖަހައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް