ޕާޓީ ރަޖިސްޓްރީކުރުމަށް ބޭނުންވާ ޤާނޫނީ އަދަދު ހަމަވި ނަމަވެސް، އެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަން ބޭނުންފުޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާއެކުގައި ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ލީޑާޝިޕުން ޔާމީނާ ދުރަށްޖެހުމުން އެ ޕާޓީން އިން ވަކިވެވަޑައިގެން ރައީސް ޔާމީން އުފައްދަވާ ޕީއެންއެފް އުފެއްދުމުގެ ހުއްދަ މިދިޔަ މަހުގެ 29 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ދީފަ އެވެ. އެއާއެކު އެ މަސައްކަތް އެ ޕާޓީން ފަށައި، ރަޖިސްޓްރީ ކުރަން ބޭނުންވާ ޢަދަދު ހަމަކޮށްފައިވީ ނަމަވެސް އަދިވެސް ރަޖިސްޓްރީ ކުރުމަަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހާޅާފައެއްނުވެއެވެ.
އެކަމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ" އިން ސުވާލުކުރުމުން މަލީޙް ވިދާޅުވީ ބޭނުންފުޅުވަނީ ޕާޓީ ރަޖިސްޓްރީވެ، ބާއްވާ އެންމެ ފުރަތަމަ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު ދެއްވުން ކަމަށެވެ.
އެގޮތުން މިހާރު ރައީސް ޔާމީންގެ މައްސަލައިގައި މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަން ފާހަގަ ކުރައްވަމުން ކުރީގެ ވަޒީރު ވިދާޅުވީ ކޯޓު ވެސް ރެސެސްގައި އޮތުމާއެކު، އެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދަވަން ބޭނުންފުޅުނުވާ ކަމަށާއި، އެކަން ނަގަނީ ވަރަށް ޕޮޒިޓިވް ގޮތެއްގައި ކަމަށެވެ.
މީގެ އިތުރުން، ރައީސް ޔާމީނުގެ އަރިސް މަލީހް ވިދާޅުވީ މި ވަގުތު އަވަސް އަރުވާލައިގެން އެކަން ނުކުރެއްވުމުގެ އެއް ބޭނުމަކީ ވެސް ކުރިއަށް އިންތިހާބެއް އޮތުމާއެކު، އެ އިންތިހާބުގައި ރައީސް ޔާމީން ވަރަށް އިތުބާރު ކުރައްވާ ބޭފުޅުން ކުރިމަތިލައްވާތީ އެކަމަށް ވެސް ހުރަސް ނޭޅުއްވުން ކަމަށެވެ.
ރައީސް ޔާމީން ޕީއެންއެފް އުފެއްދެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު، ޔާމީން ލީޑަރެއްގެ ގޮތުގައި ހުންނެވި ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނުން އެމަނިކުފާނާ ދުރަށް ޖެހި، ޚިޔާލު ތަފާތުވުމުގެ ސަބަބުންނެވެ.
އެއާ އެކު ރައީސް ޔާމީންގެ އަރިސް އަދި އެމަނިކުފާނުގެ ޤާނޫނީ ވަކީލު މުޙައްމަދު ޖަމީލު އިސްވެހުންނަވައި ޕީއެންއެފް އުފެއްދެވި އެވެ. އެ ޕާޓީގެ މުއައްސިސަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.