ކުރިން އެއްވަނާގައި އޮތް ލިވަޕޫލަށް މެންޗެސްޓަރ ޔުނައިޓެޑް އަތުން މޮޅުނުވެވި, އާސެނަލް އަށް އަލުން ލީގު ތާވަލްގެ އެއްވަނަ ލިބިއްޖެއެވެ.
އާސެނަލް އެއްވަނަ އަށް ޖެހިލީ އަމިއްލަ ދަނޑުގައި 2-0 ން ބްރައިޓަން ބަލިކޮށްގެންނެވެ. މެޗުގައި އާސެނަލްގެ ދެ ލަނޑު ދެވަނަ ހާފްގައި ޖެހީ ޖެސުސް އާއި ކައި ހާވަޓްޒް އެވެ. މުޅި މެޗުގައިވެސް އާސެނަލް މޮޅަށް ކުޅެ, 26 ޝޮޓެއް ފޮނުވާލިއެވެ. އަދި އިތުރު ލަނޑެއް ޖެހުމާ ގާތަށް ދިޔައެވެ. މެޗަށްފަހު ކޯޗު އާޓެޓާ ވެސް ބުނީ މެޗު ފެށިގެން ނިމެންދެންވެސް އޭނާގެ ޓީމްގެ ފަރާތުން ފެނުނި މޮޅު ކުޅުމެއް ކަމަށެވެ.
މެޗުން މޮޅުވެ އާސެނަލް ވަނީ 17 މެޗުން 39 ޕޮއިންޓް ހަމަކޮށްފައެވެ. އާސެނަލް މެޗުގެ ފަހުން ލިވަޕޫލަށް ތާވަލްގެ އެއްވަނަ އަށް ޖެހިލަން ފުރުޞަތު އޮތެވެ. އެކަމަކު މެންޗެސްޓަރ ޔުނައިޓެޑާ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން މޮޅުނުވެވުމުން ލިވަޕޫލް މިހާރު އޮތީ ޕޮއިންޓެއްގެ ފަރަގަކާއެކު ދެވަނައިގައި އެވެ. މެންޗެސްޓަރ ޔުނައިޓެޑް އޮތީ ހަތް ވަނާގައެވެ.