ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 11:24
ފުލުހުންގެ މައި ޢިމާރަތް
ފުލުހުންގެ މައި ޢިމާރަތް
ކޯޕަރޭޓް މޯލްޑިވްސް
ފުލުހުންގެ ތަހުގީގު
ފޯނުން ކޯޓު އަމުރު ދެއްކުމަށްފަހު ހައްޔަރުކުރުމުން ޖެހުނީ ބަންދުން ދޫކޮށްލަން
 
ސީންގެ ފުލުހުން ވަނީ ފޯނުން އޭނާއަށް ކޯޓު އަމުރު ދައްކައި ހައްޔަރު ކޮށްފައި
 
އަމުރު ތަންފީޒުކޮށް ނިމުމާއި ހަމައަށްވެސް ފުލުހުންގެ ފަރާތުން އިޖުރާއަތު ފުރިހަމަކޮށްފައި ނުވޭ
 
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު

ފުލުހުން ފޯނުން ކޯޓު އަމުރު ދެއްކުމަށްފަހު ހައްޔަރު ކުރި މީހަކު ޝަރުތެއް ނެތި ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ވައްކަން ކުރުމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ޝަރުތެއް ނެތި ބަންދުން ދޫކޮށްލާފައެވެ. އެގޮތުން އޭނާ ބަންދުން ދޫކޮށްލަން ނިންމެވި ސަބަބުތައްވެސް ގާޒީ ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރެވިއްޖެނަމަ 24 ގަޑިއިރުގެ ތެރޭގައި އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބޭއްވޭ އަޑުއެހުމުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ފަނޑިޔާރު ނިންމަވަންޖެހޭކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ގާޒީ ވިދާޅުވީ، މި މައްސަލައިގައި މުއްދަތު މަޖިލީހަށް ހުށަހެޅިފައިވާ ސީންގައި ޙަރަކާތްތެރިވި ފުލުހުންގެ ބަޔާންތަކަށް ބަލާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ މަގުމަތިން ދަނިކޮށްކަން އެނގޭ ކަމަށެވެ. އެގޮތުން މަގުމަތިން ދަނިކޮށް އޭނާއަކީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަންޖެހޭ މީހެއްކަން ފުލުހުންނަށް އެނގުމުން، ކޯޓު އަމުރު ޕްރިންޓް ކޮށްގެން ގެނައުމަށް ސްޓޭޝަންގައި އެދުމަށްފަހު، ސީންގެ ފުލުހުން ވަނީ ފޯނުން އޭނާއަށް ކޯޓު އަމުރު ދައްކާފައެވެ.

އަދި ފޯނުން ކޯޓު އަމުރު ދެއްކުމަށްފަހު އޭނާ ހައްޔަރު ކުރެވިފައިވާކަން އަންގައި، ޤާނޫނީ އިންޒާރު ދީފައިވާއިރު، ކޯޓު އަމުރުގެ ކޮޕީ އޭނާއަށް ދީފައިވަނީވެސް އޭގެ ފަހުންނެވެ.

އޭނާ ހައްޔަރުކުރިކަން އަންގައި ޤާނޫނީ އިންޒާރު ދިން އިރުވެސް އޭނާއަށް ކޯޓު އަމުރު ދީފައިނުވާކަން މި މައްސަލައިގެ ސީންގައި ޙަރަކާތްތެރިވި އޮފިސަރުންގެ ބަހުން އެނގޭކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން، ހައްޔަރުކުރުމުގެ އަމުރު ތަންފީޒުކޮށް ނިމުމާއި ހަމައަށްވެސް އެ އިޖުރާއަތު ފުލުހުންގެ ފަރާތުން ފުރިހަމަކޮށްފައި ނުވާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އަދި ކޯޓު އަމުރު ޕްރިންޓު ކޮށްގެން ގެންނަން އެދި، ޕްރިންޓް ނުލިބެނީސް ފޯނުން ކޯޓު އަމުރު ދައްކައި، އޭނާ ހައްޔަރުކުރަންޖެހޭ ސަަބަބެއް މި މައްސަލައިގައި ހުށައެޅިފައިވާ ލިއެކިއުންތަކުން ފެންނަން ނެތްކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

އެހެންކަމުން ހައްޔަރު ކުރުމުގައި އިޖުރާއަތާ ޚިލާފަށް އަމަލުކޮށްފައިވާތީ ގާޒީ ނިންމެވީ ތުހުމަތުވާ މީހާ ބަންދުން ދޫކޮށްލެއްވުމަށެވެ.

އެހެންނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ހަައްޔަރުގެ އިޖުރާއަތު އޭނާގެ މައްޗަށް އަލުން ހިންގުމަށް ހުރަހެއް ނެތްކަންވެސް ގާޒީ ވަނީ ފާހަގަ ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް