ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 06:59
ރީކޯ މޫސަ
ރީކޯ މޫސަ
ސަރުކާރު ޖަވާބުދާރީކުރުވުން
ވަޒީރަށް ރުހުން ދޭންވާނީ ބަލާފައި، އެއް މަސްގަނޑަކުން ހެދިކާ ހަދާ އުސޫލަކުންނެއް ނޫން - ރީކޯ މޫސަ
ޖަވާބުދާރީކުރުވޭނެ މަގު އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި
އެމްޑީޕީ އަކީ ވެރިކަން ވައްޓާލާނެ ބައެއް ނޫން ކަމަށް މޫސަ ވިދާޅުވި
ވަޒީރުންނަށް ރުހުން ދޭންވާނީ ބަހުސްކުރުމަށް ފަހު ކަމަށް އޭނާ ވަނީ ވިދާޅުވެފައި

ވަޒީރަށް ރުހުން ދޭންވާނީ ބަލާފައި، އެއް މަސްގަނޑަކުން ހެދިކާ ހަދާ އުސޫލަކުންނެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީގައި ވާހަކަދައްކަވަމުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޒިންމާދާރުކުރަން މަސައްކަތް ކުރުމުން އެއީ ސަރުކާރަށް ބިރު ދެއްކުން ކަމަށް ސިފާކުރާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ވަޒީރުންނަށް އައްޔަން ކުރާ މީހުންނަށް ރުހުން ދިނުމާއި ނުދިނުމަކީ އެއީ މެމްބަރުންނަށް އޮންނަ ހައްގެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މެމްބަރަކު ނިސްބަތްވާ ދާއިރާގެ ކަންކަމަށް ބެލުމަށް ފަހު ވަޒީރަކަށް ރުހުން ނުދިނުމަކީ އެއީ މެމްބަރުންނަށް އޮންނާނެ އިޚްތިޔާރެއްކަމަށާއި އެކަން އެއީ ގަދަބާރުން ކުރުވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އެއް ފަހަރާ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަކީ އެއީ އެއް މަސްގަނޑަކުން ހެދިކާ ހެދުން ފަދަ ކަމެއް ކަަމަށް ވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ. އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ވަކި ވަކި ވަޒީރުންނާއި މެދު ދެކޭ ގޮތް ފާޅުކޮށްގެން ވަޒީރުންނަށް ރުހުން ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަޒީރުންނަށް ރުހުން ދޭ އިރު ބަލަންވާ ވަރަށް ނުބެލުމުން ފަހުން ވަޒީރުން ކުރާ ގޯސްކަންކަމާއި ގުޅިގެން މަޖިލިސް މެމްބަރުންނަށް ވެސް ފާޑުކިޔުން އަމާޒުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލް ކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ހުށަހެޅުމަކީ ވެސް ސަރުކާރަށް ބިރުދެއްކުން ނޫން ކަމަށާއި ޖަވާބުދާރީކުރުވޭނެ މަގު އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީ އަކީ ވެރިކަން ވައްޓާލާނެ ބައެއް ނޫން ކަމަށާއި ޖަވާބުދާރީ ކުރުވާ ބައެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް