2025 ވަނަ އަހަރަށް ބަޖެޓު ފާސްކުރާއިރު ވަރަށް ގިނަ މައްސަލަތައް ފެންމަތިވާނެ ކަމަށާއި، އެކަން ރައްޔިތުންގެ މަޖިލިސް ތެރެއިން ފެންނާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވަނީ އާދައިގެ މީހުން ނޫން ކަމަށާއި، އެއީ ވަރުގަދަ މީހެއްކަން އެންމެން ވެސް ދަންނަންޖެހޭ ކަމަށެވެ. މަޖިލީހަށް ވަނުމަށްޓަކައި މެންބަރުން ވެސް ވައުދުތަކެއްވާ ކަމަށާއި، އެކަންކަން ކުރުމަށް އެ މެންބަރުން ބާރު އަޅާނެ ކަމަށެވެ.
20 ވަނަ މަޖިލީހަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް އެ މެންބަރުންނަށް އެކަތިގަނޑެއްގައި މާގިނަ ދުވަހު ތިބެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، އެކަން ފުރަތަމަ ޖަލްސާއިން ވެސް ފެނިގެން ދިޔަ ކަމަށެވެ. ވަރަށް ގިނަ މައްސަލަތައް 2025 ވަނަ އަހަރަށް ބަޖެޓު ފާސްކުރާއިރު ފެންމަތިވާނެ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަތޮޅުގެ ރައްޔިތުންނާ ރަށްރަށުގެ ރައްޔިތުން އެދޭ ކަންކަން 2025ގެ ބަޖެޓުގައި ނުހިމަނާ ކަމަށްވާނަމަ މެޖޯރިޓީ މައިނޯރިޓީއަށްވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ. މާޒީއަށް ބަލާއިރު ވެސް އެކަން ފެނިގެން ގޮސްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މިއަދު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގައި ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުން ކަމަށާއި، ކަންކަން ބަދަލުވުމުގައި މާގިނަ ވަގުތު ނުނަގާނެ ކަމަށެވެ.
މެންބަރުކަން ހޯދާނީ އާއިލީ ގުޅުމާއި ރަށުގައި ތިބި ރައްޓެހިންނާ ވިޔަފާރިވެރިންނާ އެރަށުގައި އުޅެ ބޮޑުވެފައި ތިބި މީހުންނާ ހުރި ވަރަށް ވަރުގަދަ މީހުންނަށް މަޖިލީހަށް އާދެވޭނީ. މަޖިލީހަށް އާދެވޭނީ އާދައިގެ މީހުންނަކަށް ނޫން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ވެސް ސަރުކާރު ހިންގާ ޕާޓީ ވެސް އިދިކޮޅު ޕާޓީގައި ތިބޭ މީހުން ވެސް ދަންނަންޖެހޭނެ މެންބަރަކަށް ވެގެން އެތަނަކަށް ވަންނަނީ ވަރަށް ވަރުގަދަ މީހެއް. އެމީހެއްގެ ދާއިރާ ރަށުގައި އެމީހެއްގެ ވަރަށް ވަރުގަދަ ސިކުނޑި ވަރުގަދަ މީހުން. އާދައިގެ މީހުންނެއް ނޫން ރައްޔިތުންގެ މަޖިލީހަށް ވަދެ ތިބެނީ. އެމީހުން ހުންނާނެ ވައުދުތަކެއް ވެފައި އެވެނިކަމެއް މިވެނި ކަމެއްކޮށްދޭން.އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު
މޫސަ ވިދާޅުވީ ކައްޗަށް އެޅުނު ބިންގާ ކެއްޗާ ހަމައަށް ދިޔައަސް އޮންނާނީ ކައްޗަށް ކަމަށާއި، އެ އުސޫލުގެ ތެރެއިން ކަންކަން 20 ވަނަ މަޖިލީހުން ފެންނާނެ ކަމަށެވެ.