ކ. މާލެ
|
10 ޑިސެންބަރ 2023 | އާދީއްތަ 18:24
ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
މަސްވެރިންގެ ޤައުމީ ދަފްތަރު
މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވާލައި، އެ ދަފުތަރުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލުމަށް ނިންމަވައިފި
މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެގޮތުގައި ކަނޑައެޅި، އާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެގޮތުގައި ކަނޑައެޅުމަށް ހިމަނާފައިވޭ

ސަރުކާރުގެ "ހަފުތާ 14"ގައި ވާ ގޮތަށް، މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަށާއި، އެ ދަފުތަރުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ އާދީއްތަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ ބައްދަލުވުމުގައި, މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން، މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލައި، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައިވެސް ހިމަނާފައިވާ ކަމެކެވެ. މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމެއްގެ ގޮތުގައި މި ކަރުދާހުގައި ފާހަގަކޮށްފައިވަނީ، މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި، މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތް ދަންނަ، ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.

މިފަދަ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި، މަސްވެރިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެއްކަމުގައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މިދަފުތަރުގައި މަސްވެރިންގެ ގޮތުގައި ކަނޑައަޅާ ފަރާތަކީ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ، ނުވަތަ އާމްދަނީގެ ބޮޑުބައެއް ޙިއްޞާކުރަނީ މަސްވެރިކަމުން ލިބޭ އާމްދަނީންކަމުގައި ހިމެނޭ ފަރާތަކަށް ވާންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ.

މަސްވެރިކަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2019/14)ގެ ދަށުން މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ކަނޑައަޅާފައި އޮތްނަމަވެސް، މިހާތަނަށް އެފަދަ ދަފުތަރެއް އެކުލަވާލާފައި ނުވާކަންވެސް މި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަމައެހެންމެ މިހާތަނަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ބޮޑަށް ބަލަހައްޓަމުން ގެންދިޔައީ ކަނޑުމަހުގެ މަސްވެރިކަމުގެ މަޢުލޫމާތުކަމަށާއި، ފަރުމަސްވެރިކަމުގެ ޙަރަކާތްތަކާއި އުޅަނދުތަކުގެ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންދެވިފައިނުވާކަން މި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރު އެކުލަވާލާއިރު، ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް މި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް