ކ. މާލެ
|
10 ޑިސެންބަރ 2023 | އާދީއްތަ 13:06
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް
ރައްޔިތުންގެ މަޖިލިސް
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުން
ކުރިއަށް އޮތް ދޮޅުއަހަރު ދުވަސްތެރޭގައި މަސްވެރިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭނަން: މިނިސްޓަރު ޝިޔާމް
ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތް ވަނީ ފެށިފައި
މަސްނުކިރޭ މައްސަލަ، އައިސްލިބުމުގައި ދަތިތައް ދިމާވޭ

ކުރިއަށް އޮތް ދޮޅުއަހަރު ދުވަސްތެރޭގައި މަސްވެރިންނަށް މައިގަނޑު ގޮތެއްގައި ދިމާވާ ދަތިތަކާއި މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ވަސީލަތްތައް އިތުރުކޮށް، ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ކުރިއަށް އޮތްތަނުގައި ކުރުމަށް ރާވާފައިވާ ގިނަ މަސައްކަތްތައް ހިމެނޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މަސްކިރުމަށް ދިމާވާދަތިތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްނުކިރޭ މައްސަލައާއި އައިސްލިބުމުގައި ދިމާވާ ދަތިތައް އަދި މަސްކިރުމަށް ވަރަށް ދުރަށް އޮޑިދޯނިފަހަރު ދުއްވަންޖެހޭ މައްސަލަ ބޮޑު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މިމައްސަލަތައް ހައްލު ކުރުމަށް ޚާއްސަ އިސްކަމެއްދޭނެ ކަމަށާއި ކުރިއަށް އޮތް ދޮޅުއަހަރު ދުވަސްތެރޭގައި މަސްވެރިންގެ ހުރި މިކަހަލަ އުދަނގޫތައް ހައްލު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިންގަމުންދާ ބައެއް މަޝްރޫއުތަކާއި ގުޅޭގޮތުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ބައެއް ޕްރޮޖެކްޓްތައް ކުރިއަށް ނުދާ ކަމަށާއި، އަނެއް ބައި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ސްޕީޑް ދަށްކޮށް ކަމަށެވެ. މިފްކޯ، ފިޝަރީޒް މިނިސްޓްރީ، ފެނަކަ އަދި ބައެއް އެހެނިހެން ކުންފުނިތަކުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދާއިރު، މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށާއި މަސައްކަތް ކުރިއަށް ނުދާނަމަ އެއްބަސްވުން ބާތިލްކުރުމަށްފަހު އެހެން ކުންފުންޏަކާއި މަސައްކަތް ހަވާލުކުރުމަށް މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މިވަގުތު މިފްކޯއަށް މަސްކިރާއިރުގައި އެބަޖެހޭ ވަސީލަތްތައް އިމްޕްރޫވްކުރަން. ޚާއްސަކޮށް ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތްތަކެއް އެބަހުރި ފެށިފައި. އަދި ޕްލޭން ކުރެވިފައި ވެސް އެބަހުރި. މީގައި އެންމެ އަވަސްކަމެއްދޭންވީ ހަގީގަތުގައި މަސްކިރުމުގައި މިއަންނަ އުދަނގޫ އެއް ކަމަކަށް މަސްނުކިރޭ މައްސަލަ ހައްލު ކުރުމަށްޓަކައި އެބަޖެހޭ ސްޓޯރޭޖް އިތުރު ކުރަން. ދެން މަސްވެރިންގެ އެހެން ޝަކުވާއެއް އެބަ އޮވޭ އައިސް ނުލިބުމުގެ އުދަނގޫ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް

މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނާއި މަސްވެރިންކަމަކީ ރާއްޖޭގެ އިގްތިސާދުގެ ވަރަށް ބޮޑު ހިއްސާއެއް ކަމަށާއި ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހައްދަވާނެ ކަމަށެވެ. އަދި މަސްވެރިން ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

- ކޮމެންޓް