މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ވެސް ވީ އެންމެ އަވަހަކަށް ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި "މަސްވެރިންގެ ގުންޒަރު 2023"ގައެވެ. ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން ކުރިއަށްގެންދިޔަ ގުންޒަރުގެ ރޭގަނޑު ދަންފަޅީގައި ބައިވެރިވެވަޑައިގެން، ރައީސް ވަނީ މަސްވެރިންގެ ޝުއޫރުތައް އަޑުއައްސަވައި، މަސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
މަސްވެރީންގެ ގުންޒަރުގައި ވާހަކަދެއްކި މަސްވެރިން ވަނީ، މަސްވެރިކަން ކުރިއެރުވުމަށް ކުރާ އުންމީދުތަކާ، ދިވެހި މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީއާ ދިރިއުޅުމުގެ ހާލަތާމެދު ވާހަކަދައްކާފައެވެ.
މަސްވެރިންގެ ޝުއޫރުތަކާ، ސުވާލުތަކާއި ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ކުރިއަށް ގެންދެވުމަށް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަހައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމާއި، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ވައުދުވެވަޑައިގެންފައިވާ ގޮތަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރެއްވުމާއި، މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.
މަސްވެރިންގެ ގިނަ ޝަކުވާތަކަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަންކަން ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ވައުދުފުޅަކީ ފުއްދަވާނެގޮތް ހޯއްދަވައިގެން ވެވަޑައިގެންނެވި ވައުދުފުޅުތައް ކަމަށެވެ. އަދި ރާއްޖެއަށް އެންމެބޮޑު އާމްދަނީއެއް ލިބޭނެ ސިނާއަތަކީ މަސްވެރިކަން ކަމުގައި ހެދޭނެގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެން، އެ ސިނާއަތުގެ ތަރައްގީ ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި ރާއްޖެއަށް ލިބޭ ބޭރުގެ އެހީތަކުގެ ތެރެއިން ބައެއް، މަސްވެރިކަން ތަރައްގީކުރުމަށް ހޭދަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރީންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ތިން ހަފުތާގެ ތެރޭގައި ދޭން ފަށާފައިވާ ކަމަށާއި މިހާރު ނުދެވި ހުރީ 140 މިލިއަނެއްހާ ރުފިޔާ ކަމަށެވެ. އަދި އެ ފައިސާވެސް ވީ އެންމެ އަވަހަކަށް މަސްވެެރީންނަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުން އަންކަމަަަށް ވެސް ވިދާޅުވިއެވެ.