ކ. މާލެ
|
6 ޑިސެންބަރ 2023 | ބުދަ 14:42
ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް (ވ) ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ކޮމިޓީގައި މައުލޫމާތު ދެއްވަނީ
ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް (ވ) ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ކޮމިޓީގައި މައުލޫމާތު ދެއްވަނީ
މަޖިލިސް
ގެދޮރުވެރިޔާ ސްކީމް
ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ މާކްސް ބަދަލުކޮށްފައިނުވާނެ: އަކްރަމް
 
ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޕޮއިންޓް ލިބޭ ގޮތާއި ބަދަލުވާގޮތުގެ ތަފްސީލު ދެއްވާފައި
 
އޭސީސީން ސިސްޓަމް ސްކޯ އާއި އިވެލުއޭޓަރުންގެ ސްކޯ ދިމާ ނުވާ ކަމަށް ބުނެފައިވާއިރު ސިސްޓަމް ސްކޯއެއް ނޯންނާނެ ކަމަށް އާރިފް ވިދާޅުވި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ މާކްސްއަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އަކްރަމް މިފަދައިން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މާކްސްތަކަށް ބަދަލު އައިސްފައިވާ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބުނެފައިވާތީއެވެ. އަކްރަމް ވިދާޅުވީ އޭސީސީއަށް ޕޯޓަލްގެ އެކްސެސް ނުލިބޭކަމަށް ދާދި ފަހުން ބުނެފައިވާއިރު އެ އިދާރާގައި ހުރީ އޭރު ޕްލޭނިންގ މިިސްޓްރީން ދީފައިވާ މައުލޫމާތުތައް ކަމަށާއި މާކްސް ބަދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ އެކްސެސް ނުލިބޭއިރު އެފަދަ ވާހަކައެއް ދެއްކުމުން ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ކޮމިޓީގައި ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޕޮއިންޓް ލިބޭ ގޮތާއި ބަދަލުވާގޮތުގެ ތަފްސީލު ދެއްވާފައެވެ. އެގޮތުން މި ސްކީމުގެ ޕޮއިންޓް ކްރައިޓީރިއާއަކީ މިހާތަނަށް ސަރުކާރަކުން ސިޔާސީ ނުފޫޒެއް ނެތި، ކޮންމެ މީހަކަށް ވެސް އެ މީހަކަށް ލިބޭ ޕޮއިންޓް އެނގޭ ގޮތަށް ނެރެފައިވާ ހަމައެކަނި ސްކީމް ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން ހިންގާފައިވާ މިފަދަ މަޝްރޫއުތަކުގައި އިވެލުއޭޓަރުންނަށް ޕޮއިންޓް ދެވޭ އުސޫލެއް އޮތް ނަމަވެސް ގެދޮރުވެރިޔާ ސްކީމުގައި އިވެލުއޭޓަރުންނަށް އެންމެ މާކްސްއެއްވެސް ނުދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އާރިފް ވިދާޅުވީ އޭސީސީން ސިސްޓަމް ސްކޯ އާއި އިވެލުއޭޓަރުންގެ ސްކޯ ދިމާ ނުވާ ކަމަށް ބުނެފައިވާއިރު ސިސްޓަމް ސްކޯއެއް މި ސްކީމުގައި ނޯންނާނެ ކަމަށެވެ.

އަޅުގަނޑަށް ހީވަނީ އެބޭފުޅުން އެ ދެންނެވީ އަޅުގަނޑުމެން ސިސްޓަމް ޑިޒައިންކޮށްފައި އިންއިރު އެ ބޭފުޅުން ދެއްވާނެ މައުލޫމާތު، ގޭގައި ދިރިއުޅުއްވަނީ 18 އަހަރުން މަތީ ކިތައް ބޭފުޅުންތޯ، 18 އަހަރުން ދަށުގެ ކިތައް ބޭފުޅުންތޯ. ހުންނަނީ ކިތައް ރޫމްތޯ. ރޫމްގަ ނިދަނީ ކިތައް މީހުންތޯ. ފާހާނާއެއް ބޭނުން ކުރަނީ ކިތައް ބޭފުޅުންތޯ. މިސާލަކަށް އެ ބޭފުޅުން ދީފައި އިންނަ މައުލޫމާތުގައި މި އިންނަނީ ގޭގައި ދިރިއުޅެނީ ޖުމްލަ 4 މީހުންނޭ. އެޕާޓްމަންޓުގައި ހުންނަ ކޮޓަރީގެ އަދަދަކީ 2 އޭ. އެހެން ޖައްސަވާފައި ކޮޓަރީގައި ނިދާ މީހުންގެ އަދަދު ޖައްސަވަފާނެ 6 ނޫނީ 7 އޭ. އެކަމަކު އިވެލުއޭޓް ކުރާ ކުއްޖާއަށް އެބަ އެނގޭ ފޯމު ހުށަހެޅި ބޭފުޅާ ބުނެފަ އެބައިނޭ 4 ބޭފުޅުންނޭ އުޅެނީ، އެހެންވީމަ ހަތް މީހުންނެއް ނުނިދާނެކަން ކޮޓަރިއެއްގައި. އެހެންވިއްޖެއްޔާ އިވެލުއޭޓަރު ޗޭންޖު ކުރާނެ އެ އިންނަ މީހުންގެ އަދަދާ ދިމާލަށް.
ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް

މީގެއިތުރުން އޭސީސީން މަސައްކަތް ހުއްޓާލަން އެންގުމުން ވެސް ޕްލޭނިންގ މިނިސްޓްރީން ފްލެޓުތައް ހަވާލުކުރުމަށް ގުރުލުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި އަކްރަމް ވިދާޅުވީ އޭސީސީން އެންމެ ފުރަތަމަ އެދުނުގޮތަށް ހުރި މައްސަލަތައް ހައްލުކޮށް 15 ނޮވެމްބަރުގައި އެކަންކަން ހައްލުކޮށްފައިވާކަމަށް ބުނެ މިނިސްޓްރީން ސިޓީއެއް ފޮނުވި ކަމަށެވެ. އަދި ގުރުނެގުމުގެ މަސައްކަތް ފެށީ އެއަށްފަހު ކަމަށާއި އޭސީސީން މަސައްކަތް ހުއްޓާލަން ސިޓީ ފޮނުވީ އެ ދުވަހުގެ ރޭ 11:30 ހާއިރު ކަމަށާއި އެއީ އޮފީސް ބަންދު ވަގުތަކަށްވާއިރު ސިޓީ މިނިސްޓްރީގެ ސެކްޝަނަށް ލިބުނީ 16 ނޮވެމްބަރުގެ 10:00 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީގެ ސިޓީގައި "އަވަސް" ކަމަށް ޖަހާފައި ނުވާ ކަން ވެސް އަކްރަމް ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމުގެ މަސައްކަތް ހުއްޓާލަން އޭސީސީން އެންގީ ލިބިފައިވާ އާއްމުންގެ ޝަކުވާތަކާ ގުޅިގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. މި މައްސަލަ މަޑުޖެހިފައި އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެ މައްސަލަ މަޑު ޖެހިފައިވަނީ ހައުސިންގ މިނިސްޓްރީން ދޭން ޖެހޭ އެކްސެސް ނުދީގެން ކަމަށް ވެސް އޭސީސީން ބުނެއެވެ. ދާދި ފަހުން ހައުސިންގ މިނިސްޓަރު ވަނީ ބުރާސްފަތި ދުވަހު އެ އެކްސެސް ދެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
50%
50%
ކޮމެންޓް