Advertisement
ކ. މާލެ
|
14 ނޮވެންބަރ 2025 | ހުކުރު 15:52
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރު ތަކެއް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރު ތަކެއް
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!
މިކަން ހާމަވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހައުސިންގ މިނިސްޓްރީ އަށް ހުށަހެޅި ސުވާލަކަށް ދިން ޖަވާބުން
މުއިއްޒު ސަރުކާރުން ފްލެޓް ލިސްޓް ރީ-އިވެލުއޭޓް ކުރުމުގައި ރިއާޔަތް ކޮށްފައި ވަނީ މުޅިން އެހެން މާއްދާތަކަކަށް

ރައީސް ސާލިހް ސަރުކާރުން އެޅި ފްލެޓްތައް ލިބުނު ބައެއް ފަރާތްތަކުގެ އަތުން މާލޭގައި 15 އަހަރު ދިރި އުޅުނު ކަން އެނގެން ނެތް ކަމަށް ބުނެ ފްލެޓް އަތުލާފައިވާ އިރު، މުއިއްޒު ސަރުކާރުން ފްލެޓް ލިސްޓް ރީ-އިވެލުއޭޓް ކުރި އިރު މާލޭގައި އުޅުނު މުއްދަތާ ބެހޭ މުއްދާ އަށް ރިއާޔަތް ކޮށްފައި ނުވާކަން ހާމަ ވެއްޖެ އެވެ.

މިކަން ހާމަވީ އަމިއްލަ ފަރާތަކުން މިކަމާ ބެހޭ ގޮތުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހައުސިންގ މިނިސްޓްރީ އަށް ހުށަހެޅި ސުވާލަކަށް އެ މިނިސްޓްރީން ދިން ޖަވާބުން ނެވެ.

މިނިސްޓްރީ ދިން ޖަވާބުގައި ބުނެފައި ވަނީ، "15 ނޮވެމްބަރު 2023 ގައި އިއުލާނު ކޮށްފައިވާ ލިސްޓުގައިވާ ފަރާތްތައް އިވެލުއޭޓް ކޮށް އަދި ވެރިފައި ކޮށްފައިވަނީ، ގެދޮރުވެރިޔާ އުސޫލު ނަންބަރު 2022/ޖީ-20 ގެ 3 ވަނަ މާއްދާގެ "ރ"، "ބ"، އަދި "ޅ" އަށް ރިއާޔަތް ކުރުމަށް ފަހު،" ގައި ކަމަށެވެ.

މާލޭގައި 15 އަހަރު ދިރިއުޅެފައިވާ ކަން ބަލަން ޖެހެނީ އެ އުސޫލުގެ (ނ) ގައި ކަމަށް ބަޔާން ކޮށްފައި އޮތް ނަމަވެސް، މުއިއްޒު ސަރުކާރުން ފުލެޓް ލިބުނު މީހުން ރީ-އިވެލުއޭޓު ކުރުމުގައި އެ މާއްދާ އަށް ބަލާފައި ނުވާ ކަން މި ޖަވާބުން ސާފު ވެއެވެ.

ހައުސިންގ މިނިސްޓްރީ އިން ދިން ޖަވާބުގެ ސްކްރީން އިމޭޖެއް

މާލޭގައި ދިރިއުޅުނު މުައްދަތާ ބެހޭ ގޮތުން ސުވާލު އުފައްދާ، އެތައް ބައެއްގެ އަތުން ފުލެޓް އަތުލި އިރު، ރީ-އިވެލުއޭޝަން ގައި ހައުސިންގ މިނިސްޓްރީން ބެލި ކަމަށް ބުނެފައި ވަނީ، މީގެ ކުރިން ބޯހިޔާވަހި ކަމުގެ މަޝްރޫއަކުން ބޯހިޔާވަހި ކަމެއް ލިބިފައިވޭތޯ އާއި، މާލެ އިން ބިމެއް ގަނެފައިވާ ފަރާތެއް ތޯ އާއި އެފަދަ ބިމެއް އެހެން ފަރާތަކަށް ވިއްކާފައިވޭތޯ އެވެ.

އުސޫލުގެ (ރ)، (ބ) އަދި (ޅ) ފެންނަ އިމޭޖެއް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާ މެދު މި ސަރުކާރުން އަމަލު ކުރަމުން ގެންގޮސްފައި ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވައުދުވި ގޮތާ މުޅިން ޚިލާފަށްކަން ފާހަގަ ކުރެވެއެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ސަރުކާރަކުން ދީފައި އޮތް ފްލެޓެއް ވިޔަސް ގޯއްޗެއް ވިޔަސް އަތުނުލައްވާނެ ކަމަށެވެ. ދީފައި އޮތުމަކީ ގެޒެޓް ގައި ފުލެޓް ލިބިފައި އޮތުން ކަމަށް ވެސް އިތުރަށް ސާފު ކޮށްދެއްވަމުން އޭރު މުއިއްޒު ގެންދެވީ ވިދާޅުވަމުންނެވެ.

- ކޮމެންޓް