ފުލުހުން ލައްވާ ރައްޔިތުންނަށް އަނިޔާކުރަނީ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވާތީ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަމުރަށް ފުލުހުން ރައްޔިތުންނަށް އަނިޔާ ކުރުމުގެ ހަމައެއް ނެތި މިދަނީ ރައީސް ޔާމީނަށް ނާކިޔާބުވާ ކަމުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އަނިޔާކުރި ފުލުހުން ހޯދައި ހައްގު އަދަބު ދެވޭނެ ކަމަށެވެ.
RY amurah fuluhun rayithunah aniya kurumuga hamaeh nethi midhanee RY ah nakamiyabu vaa kamun. Aniya kuri fuluhun hoadha haqqu adhab dheveyne
— Mohamed Nasheed (@MohamedNasheed) July 27, 2017
މި ހަފްތާ ތެރޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުންތަކުގައި ފުލުހުން ވަނީ ބާރު ބޭނުންކޮށް، ރޫޅާލާފަ އެވެ. ޕެޕާ ސްޕްރޭއާއި މުގުރު ބޭނުންކުރަން ނުޖެހޭފަދަ ހާލްތުތަކުގައި، އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކޮށް އެއްވުމުގެ ބައިވެރިންނާއި، ނޫސްވެރިންނަށް ވެސް ފުލުހުން ދަނީ އަނިޔާކުރަމުންނެވެ.
އެގޮތުން ބުދަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުން ކަވަރު ކުރަމުންދިޔަ ނޫސްވެރިންނަށް އަނިޔާކޮށް، ތަކެެއްޗަށް ގެއްލުންދީފަ އެވެ. އެ ސަރަހައްދުގައި ބޭއްވި އެއްވުން ލައިވް ކުރުމަށް ނޫސްވެރިން ގެންގުޅުނު ކެމެރާތަކާއި ލައިވް ޔުނިޓްތަކަށް ގަސްދުގައި ފުލުހުން ވަނީ ގެއްލުންދީފަ އެވެ. ޒިންމާ ނަގާނެ ކަމަށް އެ އަމަލު ހިންގި ފުލުހުން ބުނި ނަމަވެސް، ފަހުން އެކަމުގެ ޒިންމާއެއް ނަގާފައެއް ނުވެ އެވެ.
ނޫސްވެރިންނަށް އަނިޔާކޮށް، ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން، އާންމުންނަށް ވެސް ފުލުހުން ވަނީ އަނިޔާކޮށްފަ އެވެ.