ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 14:44
ކަމަލް އަދުވާން ހޮސްޕިޓަލުގައި ވެސް އިސްރާއީލުން ޤަތުލުއާންމެއް ހިންގަފާނެ ކަމުގެ ބިރު ބޮޑުވެއްޖެ
ކަމަލް އަދުވާން ހޮސްޕިޓަލުގައި ވެސް އިސްރާއީލުން ޤަތުލުއާންމެއް ހިންގަފާނެ ކަމުގެ ބިރު ބޮޑުވެއްޖެ
ރޮއިޓާސް
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
އިސްރާއީލުން ޣައްޒާގެ ކަމަލް އަދުވާން ހޮސްޕިޓަލް ވަށައިލައިފި، ހޮސްޕިޓަލުގައި ޤަތުލުއާންމެއް ހިންގަފާނެކަމުގެ ބިރުބޮޑު
 
އިސްރާއީލް އަސްކަރިއްޔާގެ ސްނައިޕަރުންނާއި ޓޭންކުތައް ވަނީ މިހާރު އެ ހޮސްޕިޓަލް ވަށާލައިފައި
 
އެ ހޮސްޕިޓަލުގައި 7،000 ރައްޔިތުން ދަނީ ރައްކާތެރިކަން ހޯދަމުން
 
އެ ހޮސްޕިޓަލް ސަރަހައްދުން އާންމުންގެ 108 މީހަކަށް އިސްރާއީލް ސިފައިން ވަނީ ހަމަލާދީ މަރާލާފައި

އިސްރާއިލްގެ އަސްކަރިއްޔާއިން ޣައްޒާގެ އުތުރުގައި ހުންނަ ކަމަލް އަދުވާން ހޮސްޕިޓަލް ވަށާލުމާއެކު، އެ ހޮސްޕިޓަލުގައި ޤަތުލުއާންމެއް ހިންގަފާނެކަމުގެ ބިރު ވަރަށް ބޮޑުކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ކަމަލް އަދުވާން ހޮސްޕިޓަލަކީ މިހާރު ޣައްޒާގައި ބޭނުން ކުރެވެންހުރި 6 ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ހޮސްޕިޓަލެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ ސްނައިޕަރުންނާއި ޓޭންކުތައް ވަނީ މިހާރު އެ ހޮސްޕިޓަލް ވަށާލައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ހޮސްޕިޓަލަށް މީހުން ވަދެ ނުކުމެ އުޅުމަށް ހުރަސް ހަޅައި، އިސްރާއީލް އަސްކަރިއްޔާއިން ދަނީ އެފަދަ މީހުންނަށް ބަޑީގެ ހަމަލާތައް ދެމުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެ ހޮސްޕިޓަލްގައި 7،000 ރައްޔިތުން ދަނީ ރައްކާތެރިކަން ހޯދަމުންނެވެ. އޭގެ ތެރޭގައި އެކި އަނިޔާތަކަށް ފަރުވާހޯދަމުންދާ މީހުންނާއި ބަލިމީހުންނާއި ސިއްހީ ޚިދުމަތްތެރިން ހިމެނެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލުމާތުދޭ ގޮތުގައި މިހާތަނަށް އައިއިރުވެސް، އެ ހޮސްޕިޓަލް ސަރަހައްދުން އާންމުންގެ 108 މީހަކަށް އިސްރާއީލް ސިފައިން ވަނީ ހަމަލާދީ މަރާލާފައެވެ.

އެހެން ކަމުން ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ އިންޑޮނޭޝިއަން ހޮސްޕިޓަލާއި ޝިފާ ހޮސްޕިޓަލުގައި ހިންގިފަދަ ޤަތުލުއާންމުތަކެއް ކަމަލް އަދުވަން ހޮސްޕިޓަލްގައި ވެސް ހިންގަފާނެކަމުގެ ބިރު ވަރަށް ބޮޑު ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް