ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 14:18
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، އޭނާ ވަނީ ފެނަކަ މުވައްޒަފުން ވަޒީފާއިން ކަނޑާ މައްސަލަ އެސްއޯއީއަށް ހުށަހަޅުއްވާފައި
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، އޭނާ ވަނީ ފެނަކަ މުވައްޒަފުން ވަޒީފާއިން ކަނޑާ މައްސަލަ އެސްއޯއީއަށް ހުށަހަޅުއްވާފައި
މަޖިލިސް
ފެނަކަ މުވައްޒަފުން ވަކިކުރުން
ފެނަކައިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް މުވައްޒަފުން ވަކިކުރާ މައްސަލަ އެސްއޯއީ ކޮމިޓީން ބަލައިދިނުމަށް ހުށަހަޅައިފި
 
މިއީ އެ މުވައްޒަފުންނަށާއި އެ މުވައްޒަފުންގެ އާއިލާތަކަށް ފޫނުބެއްދޭފަދަ ބޮޑު ނިކަމެތިކަމެއް ކުރިމަތިވެގެންދާނެ ކަމެއް
 
ހޯރަފުށީގައި ގާއިމްކޮށްފައިވާ ބޮޓްލިންގ ޕްލާންޓް ޕްރޮޖެކްޓުގައި މަސައްކަތްކުރަމުންދިޔަ 22 މުވައްޒަފުން ކުއްލިގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވޭ

ފެނަކައިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް މުވައްޒަފުން ވަކިކުރާ މައްސަލަ އެސްއޯއީ ކޮމިޓީން ބަލައިދިނުމަށް ހުށަހަޅައިފިއެވެ.

ފެނަކައިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް މުވައްޒަފުން ވަކިކުރާ މައްސަލަ އެސްއޯއީ ކޮމިޓީން ބަލައިދިނުމަށް ހުށަހަޅުއްވާފައިވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. މެންބަރު ސަލީމް މަޖިލީހުގެ ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ދިވެހީންގެ ވަޒީފާތައް ކަށަވަރުކޮށްދޭނެ ކަމަށާއި، އެއްވެސް މުވައްޒަފަކު އަދާކުރަމުންދާ ވަޒީފާއިން ވަކިނުކުރާނެ ކަމީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

ނަމަވެސް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން، ހއ. ހޯރަފުށީގައި ގާއިމްކޮށްފައިވާ ބޮޓްލިންގ ޕްލާންޓް ޕްރޮޖެކްޓުގައި މަސައްކަތްކުރަމުންދިޔަ 22 މުވައްޒަފުން ކުއްލިގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް ގިނަ އަދަދެއްގެ މުވައްޒަފުން އެއްފަހަރާ ވަޒީފާއިން ވަކިކުރުމަކީ އެ މުވައްޒަފުންނަށާއި އެ މުވައްޒަފުންގެ އާއިލާތަކަށް ފޫނުބެއްދޭފަދަ ބޮޑު ނިކަމެތިކަމެއް ކުރިމަތިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

އަދި މިކަން މިހެން އޮތް އިރު، ހަމަ މި މޭރުމުން، ރާއްޖޭގެ އެހެނިހެން ރަށްރަށުގެ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކުރަމުންދާކަމުގެ ކަންބޮޑުވުމާއި ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު އޮންނަކަން އެ ފަރާތްތަކުން ފާޅުކުރަމުން ގެންދާ ކަމަށް މެންބަރު ސަލީމް މަޖިލީހުގެ ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއަށް ފޮނުއްވައި، ފެނަކަ ކޯޕަރޭޝަނުން އެގޮތަށް މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ މައްސަލަ ބައްލަވައިދެއްވާ، ވަޒީފާތަކުން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އިއާދަކޮށް، މިފަދަ މައްސަލަތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް ވަނީ އެދިވަޑައިގަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް