ކ. މާލެ
|
3 ޑިސެންބަރ 2023 | އާދީއްތަ 06:01
އިސްރާއިލާއެކުވި އެއްބަސްވުމުގެ ދަށުން ހަމާސުން މީހުން މިނިވަންކުރުން
އިސްރާއިލާއެކުވި އެއްބަސްވުމުގެ ދަށުން ހަމާސުން މީހުން މިނިވަންކުރުން
ރޮއިޓާސް
އިސްރާއީލުން ޣައްޒާއަށް ހަމަލާދިނުން
އަސީރުން ދޫކުރަން މަޝްވަރާތައް ދެންކުރާނީ ހަމަލާތައް އެއްކޮށް ހުއްޓާލުމުން: ހަމާސް
 
އަސީރުން ބަދަލު ކުރުމަށް ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވުމަށްފަހު އިސްރާއީލުން ވަނީ އަލުން ހަމަލާތައް ފަށާފައި
 
ހަމާސް އިން ވަނީ އެއްބަސްވުމާ އެއްގޮތަށް ބައެއް މީހުން މިނިވަން ކޮށްފައި

އަސީރުން ދޫކުރުމަށް މަޝްވަރާތައް ހުއްޓާލާފައިވާ ކަމަށާއި ދެން އެ މަޝްވަރާތައް ކުރާނީ އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމުން ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސްގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދެން އެ ޖަމާއަތުން އިސްރާއީލުގެ އަސީރުން ދޫކުރަން އެއްބަސްވާނީ ހަމަލާތައް ހުއްޓާލުމަށްފަހު އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ހުރިހާ ރައްޔިތުން މިނިވަން ކުރުމުންނެވެ.

އިސްރާއީލުން ވެސް ވަނީ ދޯހާގައި މަޝްވަރާތަކަށް ގޮސް ތިބި އޮފިޝަލުންނަށް އެނބުރި އައުމަށް އަންގާފައެވެ. އިސްރާއީލުން ސަބަބަކަށް ބުނެފައިވަނީ އެއީ އެއްވެސް ކޮޅެއް ފެންނަން އޮތް ކަމަކަށް ނުވާތީ ކަމަށެވެ.

ހަމާސް އާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލައި ދެ ފަރާތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ބަދަލުކުރިއެވެ. ނަމަވެސް އިސްރާއީލުން ވަނީ އެ އެއްބަސްވުމަށް ހަފުތާއެއްގެ ތެރޭގައި އަލުން ހަމަލާތައް ފަށައިފައެވެ.

އިސްރާއީލުން އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 15،207 މީހުން މަރާލާފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި މުއްދަތުގައި އިސްރާއީލުން މަރުވެފައިވަނީ 1200 މީހުންނެވެ.

އިސްރާއީލުން އަންނަނީ ޣައްޒާގެ ހޮސްޕިޓަލުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ވެސް ބޮން އަޅަމުންނެވެ. މި ހަމަލާތައް ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ފަލަސްތީން މިނިވަން ކުރުމަށާއި ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެކި ޤައުމުތަކުގައި ރައްޔިތުން ދަނީ މުޒާހަރާވެސް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް