ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 12:54
ޗީބޯ ކައިރީގައި ހިންގި މާރާމާރީ
ޗީބޯ ކައިރީގައި ހިންގި މާރާމާރީ
އެމްވީކްރައިސިސް
މާރާމާރީ ހިންގުން
ޗީބޯ ކައިރީ ހިންގި މާރާމާރީގައި ހައްޔަރުކުރި 3 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި
 
18 އަހަރުގެ މީހާއަށް 5 ދުވަސް އަދި އަނެއް ދެމީހުންނަށް 10 ދުވަސް ދީފައިވޭ
 
މި މައްސަލައިގައި ހިމެނޭ 18 އަހަރުގެ މީހާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ބަލިކަށި
 
މި މައްސަލައިގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ 18 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ މީހަކަށް

ޗީބޯ ކައިރީ ހިންގި މާރާމާރީގައި ހައްޔަރުކުރި 3 މީހުން ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ ކ. މާލެ/ހ. ގްލިޓަރ، ނަޝްޔާން އިބްރާހީމް ސަބާހް (24އ)، ޏ. ފުވައްމުލައް/ ހޯދަޑު، ރައުޟާ، މުއިއްޒު އަހުމަދު ފާރޫގު (22އ) އަދި ކ. މާލެ/މ. ނަލަހިޔާމަންޒިލް، މުހައްމަދު ޒަޔާން އިސްމާއީލް (18) އަހަރެވެ.

މި މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެގޮތުން ޒަޔާންގެ ބަންދަށް 5 ދުވަސް ދީފައިވާއިރު، މުއިއްޒު އަދި ނަޝްޔާންގެ ބަންދުގެ މުއްދަތަށް ދީފައިވަނީ 10 ދުވަހެވެ.

ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ދީފައިވާ ބަންދުކުރުމުގެ އަމުރުގައި ބުނެފައިވަނީ މި 3 މީހުން ބަންދުގައި ބަހައްޓާނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. އަދި ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކުށް މި 3 މީހުން ކުރިކަމަށް ކޮންމެ ވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހުށަހަޅާފައި ހުރި ހާދިސާ ރިޕޯޓަށް ބަލާއިރު މި 3 މީހުންގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ވުޖޫދުވާ ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 12/2026 ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތްކަމަށް ދެކޭ ސަބަބުގެ ތެރޭގައި ބުނެފައިވަނީ، ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)ގެ 3 އަދި 4 ގައި ވާ ކަންކަން ފުރިހަމަކަމަށް ބެލެވޭތީ ކަމަށެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ޒަޔާނުގެ މައްސަލައިގައި ކޯޓަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އެ މާރާމާރީގައި އޭނާ ބައިވެރިވިކަމަށް ބެލެވޭ ހެކި ބަލިކަށި ކަމަށެވެ. އެހެންކަމުން ދެން އޮންނަ މަޖިލީހަކަށް އިތުރު ހެކި ހުށަހެޅުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން މުއިއްޒުގެ ހައްޔަރު އިޖުރާއަތު ގޯސްކަމަށް އޭނާގެ ވަކީލުން ފާހަގަކުރިނަމަވެސް، ހުސަހެޅިފައި ހުރި ލިޔެކިޔުންތައް އަދި ހާދިސާ ރިޕޯޓަށް ބަލާއިރު ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި މުއިއްޒު އާއި ނަޝްޔާން އަކީ މިފަދަ ރެކޯޑް ކުރިން ވެސް އޮންނަ މީހުން ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް