އަންނަ އަހަރުގެ ކަލަންޑަރު އާދީއްތަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ސަރކިއުލާއެއްގައި ބުނީ 2024 ވަނަ އަހަރަށް އެ މިނިސްޓްރީ ނެރުމަށް ހަމަޖެހިފައިވާ ވޯލް ކަލަންޑަރާއި ޑެސްކު ކަލަންޑަރު ވިއްކާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 3 ޑިސެމްބަރު ވާ އާދީއްތަ ދުވަހުން ފެށިގެން އެ ކަލަންޑަރުތައް ލިބެން ހުންނާނެ ކަމަށް ބުނެއެވެ.
އެ މިނިސްޓްރީން ނެރޭ ކަލަންޑަރުތަކުގައި ހިޖުރީ ތާރީޚާއި މީލާދީ ތާރީޚުގެ އިތުރުން ރަސްމީ ބަންދު ދުވަސްތަކާއި ނަކަތްތަކާއި ނަމާދު ވަގުތުތައް އެނގެން ހުންނާނެއެވެ.
މި ކަލަންޑަރުތަކުގެ ތެރެއިން ވޯލް ކަލަންޑަރު ނުވަތަ ފާރުގައި އެޅުވޭ ގޮތަށް ހުންނަ ކަލަންޑަރު 35 ރުފިޔާއަށް ވިއްކާއިރު ޑެސްކު ކަލަންޑަރު ވިއްކުމަށް ހަމަޖެހިފައިވަނީ 65 ރުފިޔާއަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ކަލަންޑަރަށް ފައިސާ ބަލައިގަންނާނީ ބީއެމްއެލް ކާޑު މެޝިނާއި ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު ވެސް ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކަލަންޑަރު ދޫކުރާނީ ބިލްކުރާ ގޮތަށެވެ.
މި ކަލަންޑަރުތައް ލިބެން ހުންނާނީ ރަސްމީ ގަޑީގައި އިސްލާމިކް މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.