އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޢަލީ ފާރިޝްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ޢުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، 2024 ވަނަ އަހަރު އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން ޢުމްރާއަށް ގެންގޮސްދޭނެ ކަަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ މީހުން ޢުމްރާއަށް ގެންގޮސްދީފައިނުވާތީއާއި، އެ ފައިސާ އަނބުރައި ރައްދުކޮށްދީފައިނުވާތީއެވެ.
މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފްއިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަވި ދަޢުވާތަށް ކުރުމަށް 5 ފެބްރުވަރީ 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.ޕީޖީ އޮފީސް
މ. ހަވީރީފިނި، ޢަލީ ފާރިޝްގެ މައްޗަށް ދެ ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު، ފުރަތަމަ ދައުވާ އަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 6 (ހައެއް) ދަޢުވާއެވެ. އޭނާގެ މައްޗަށް ދަޢުވާކޮށްފައިވަނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިންނެވެ. މީގެ ތެރޭގައި ގްރޫޕެއް ގޮތުގައި ޢުމްރާއަށް ދިއުމަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނެއެވެ.
ޢަލީ ފާރިޝް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޢަދަދަކީ -/391،072 ދިވެހި ރުފިޔާއާއި، -/8،100 އެމެރިކާ ޑޮލަރެވެ. މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޢަލީ ފާރިޝް އަތުން މި ފައިސާ ނަގައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާގައި އެދިފައިވެއެވެ.
އަލީ ފާރިޝްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ އަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއެވެ.
މި ދަޢުވާ ކުރީ ޢަލީ ފާރިޝްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްޢަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު ޢުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ ފައިސާ ޓެކުމަކުން އެމީހުން އަތުން ނިގުޅައިގަނެ، އެ ފައިސާ، ޢަލީ ފާރިޝްގެ އަމިއްލަ އެކައުންޓުތަކާއި، ޢަލީ ފާރިޝްގެ ޙިއްސާ އޮންނަ ޓްރިއަރ ޕްރައިވެޓް ލިމިޓެޑްއާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑަރކޮށްފައިވާތީއެވެ.
ޢަލީ ފާރިޝް ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޢަދަދަކީ -/391،072 ދިވެހި ރުފިޔާއާއި، -/8،100 އެމެރިކާ ޑޮލަރެވެ.
މި މައްސަލައަކީ ތަޙުޤީޤު ހިނގަމުންދާ މައްސަލައެއްކަމަށް ވާއިރު، ޢަލީ ފާރިޝްގެ މައްޗަށް ތުހުމަތުކުރެވޭ މަޝްޢަރު ޕްރައިވެޓް ލިމިޓެޑުން ޢުމްރާއަށް ގެންދިއުމަށް މީހުން ގެންދިއުމަށްފަހު، އެމީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، އެމީހުންގެ ފައިސާއަށް ޚިޔާނާތްތެރިވިބައިގެ ތަޙުޤީޤު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިގައި ޢަލީ ފާރިޝްގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށެވެ.