ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވަނީ މެމްބަރުންނަށް އެ ޖަލްސާ އޮންނާނެކަން މިހާރު އަންގަވާފައެވެ. އަމީން އާއްމު ވަނީ އެކަން އެންގެވުމުގެ ގޮތުން އަންގާރަ ދުވަހު މެމްބަރުންނަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. 50 މެމްބަރުންގެ ސޮޔާއި އެކު ހުށަހަޅާފައިވާ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޤަރާރު މަޖިލީހަށް ބަލައިގަނެ، އެ މައްސަލައިގެ ނޯޓިސް އީވާ އާއި މެމްބަރުންނަށް ފޮނުވާފައި ވަނީ މިހިނގާ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
އަމީންއާއްމު މެމްބަރުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ޤަވާއިދުގެ 206 ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރާ މުއްދަތު ދިނުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަމީންއާއްމު ވަނީ އެ މާއްދާ އާއި އެއްގޮތަށް 3 ޑިސެމްބަރު 2023 ވާ އާދިއްތަ ދުވަހު ބާއްވާ ޖަލްސާ އަށް އީވާ ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އާއްމު ކޮމިޓީން ވަނީ މަޖިލީހުގެ ޤަވާއިދުގެ (ޅ) އާއި (ކ) އަށް ރިއާޔަތްކޮށް އެ ގަރާރުގެ ބަހުސްކުރުމުގެ ޖުމްލަ ވަގުތަކީ 2 ގަޑިއިރު ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެ 2 ގަޑިއުރުގެ ތެރޭގައި އީވާ އަށް ޖަވާބުދާރީވުމަށްޓަކާ، ބަހުސް ފަށާއިރު 30 މިނިޓުގެ 1 ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބާކީ އޮތް 1 ގަޑި އިރާއި 30 މިނިޓް މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މެމްބަރުންނަށް ވަގުތުދޭން ވަނީ ނިންމާފައެވެ. އެހެންކަމުން ކޮންމެ މެމްބަރަކަށް 3 މިނިޓަށް ވުރެ އިތުރު ނުވާނެ ގޮތުގެ މަތިން 1 ފުރުސަތު ދިނުމަށް 20 ނޮވެމްބަރު 2023ގައި މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.