ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 06:10
ރައީސް މުއިއްޒު، ތުރުކީގެ ނައިބު ރައީސާ ބައްދަލުކުރައްވަނީ
ރައީސް މުއިއްޒު، ތުރުކީގެ ނައިބު ރައީސާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސް ތުރުކީއަށް ކުރައްވާ ދަތުރުފުޅު
ތުރުކީގެ ނައިބު ރައީސް، ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
 
ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާމެދު ޚިޔާލު ބަދަލުކުރެއްވި
 
ރާއްޖޭގެ ތަރައްގީއަށްޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ބޮޑެތި ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވި

ތުރުކީވިލާތުގެ ނައިބު ރައީސް ޝޭވްދޭތު ޔިލްމާޒް، ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ހޯމަ ދުވަހުއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާމެދު ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

ރާއްޖޭގެ ތަރައްގީއަށްޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ބޮޑެތި ކަންކަމާ ގުޅޭ މައުލޫމާތު ރައީސް މުއިއްޒު، ތުރުކީވިލާތުގެ ނައިބު ރައީސަށް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ޣައްޒާގައި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އިސްރާއީލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކަށް ބައިނަލްއަގުވާމީ ދުނިޔެއިން އެދެވޭ ރައްދެއް ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ގައުމުގެ އިސްތިގުލާލުގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ޙައްގު މަސައްކަތަށް ރާއްޖެ އާއި ތުރުކީވިލާތުގެ ފުރިހަމަ ތާއީދު އޮތްކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ތުރުކީގެ ނައިބު ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް