ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 05:33
ރައީސް މުއިއްޒު، ތުރުކީގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވަނީ
ރައީސް މުއިއްޒު، ތުރުކީގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސް ތުރުކީއަށް ކުރައްވާ ދަތުރުފުޅު
ތުރުކީގެ ކުންފުނިތަކުން އިތުރު އިންވެސްޓްމަންޓްތައް ގެނައުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
 
ދެ ޤައުމުގެ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވި
 
ޓާކިޝް އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި
 
ދެ ޤައުމުގެ ދެމެދުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އަރސޯއި އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހުގެ ހަވީރު ތުރުކީވިލާތުގެ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު މެހްމަތު ވަނީ އޭނާގެ ދައުވަތު ގަބޫލުފުޅުކުރައްވައި، ތުރުކީވިލާތަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމުން ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގެ ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ތުރުކީވިލާތާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ. އަދި ދެ ބޭފުޅުން ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޓާކިޝް އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތުރުކީވިލާތުގެ ކުންފުނިތަކުން އިތުރު އިންވެސްޓްމަންޓްތައް ގެނައުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރައްވައި ސަރުކާރުގެ ތަރައްގީގެ އެޖެންޑާއާމެދު ދެ ބޭފުޅުންގެ މެދުގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތުގެ ޚާރިޖީ ގުޅުމަށް 44 އަހަރު ފުރޭ އަހަރެވެ. ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ މެއި 28، 1979 ވަނަ އަހަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދައުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް