މާލޭގެ ގެއެއްގައި ކުޑަކުއްޖަކު ބަލަން ގެނައި މީހަކު، އޭނާ ބަލަން ހަވާލުވެފައިވާ ކުޑަކުއްޖާއަށް އަނިޔާކުރިކަމަށް ކޯޓުގައި އެއްބަސްވެއްޖެއެވެ.
މެއިޑް މިކަމަށް އެއްބަސްވެފައިވަނީ ދެވަނަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. އޭނާގެ ބަންދުގެ މުއްދަތަށް އަނެއްކާވެސް ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.
މި މައްސަލައަކީ، މާލޭގެ ގެއެއްގައި ކުޑަކުއްޖަކު ބަލަން ގެނެސްފައިހުރި މެއިޑް އެ ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައެކެވެ. މި މައްސަލާގައި މެއިޑް (އިންޑިއާގެ ރައްޔިތެއްކަމަށްވާ ސަންދީޕް ކައުރު، 22އ)އާ ދެކޮޅަށް ހެކީގެ ގޮތުގައި، ހުށަހަޅާ ފަރާތުން ބުނާ ބުނުމާއި، ވީޑިއޯ ކްލިޕާއި، ހުށަހަޅާ ފަރާތުގެ ބަޔާނާއި، ކުއްޖާގެ މަންމަގެ ބަޔާން، އަދި ފުލުހުންގެ ބަޔާން ހިމެނެއެވެ.
ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ (ޅ)ށް ރިއާޔަތްކޮށް، އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ކަމުގައި ވަނީ ބުނެފައެވެ.
އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)ގެ 3 އަދި 4 ވަނަ ނަންބަރުގައި ހުރި ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީކަމަށް ބުނެފައިވެއެވެ.
ހުކުރު ދުވަހު ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، މި މީހާ ވަކީލެއްގެ ފުރުސަތު ބޭނުން ނުވާކަމަށް މީގެ ކުރީގެ މުއްދަތުގައި ބުނެފައިވާކަމަށާއި، ނަމަވެސް އައްޔަނުވެފައިވާ ވަކީލު ތަނާޒުލު ފޯމް ހުށަހަޅާފައި ނުވާކަމަށް އައިއޯ ފާހަގަކުރިއެވެ. އަދި ހުކުރު ދުވަހުގެ އަޑުއެހުމަށް ވަކީލު ހާޒިރުވެފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.
އަދި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި މި މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅޭނެކަން އައިއޯ ފާހަގަކުރިއެވެ. މި މީހާ ވަނީ ކުޑަކުއްޖާއަށް އަނިޔާކުރި ކަމަށާއި، އޭނާ އެކަމަށްޓަކައި މައާފަށް އެދޭކަމަށް ކޯޓުގައި ބުނެފައިވެއެވެ.
ސަންދީޕް ކައުރުގެ ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ.