ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 16:48
ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު، މުހައްމަދު އަބޫ ސަލްމިއާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު
ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު، މުހައްމަދު އަބޫ ސަލްމިއާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު
ރޮއިޓާސް
އައްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ހައްޔަރުކުރުން
އިސްރާއީލުގެ އަސްކަރިއްޔާއިން، ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރާއި އެހެނިހެން ޑޮކްޓަރުން ހައްޔަރުކޮށްފި
އައްޝިފާ ހޮސްޕިޓަލަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، އިސްރާއީލުން އެއްބަސްވެފައިވަނީ ހުކުރު ދުވަހު ހަމަލާތައް މެދުކަނޑާލުމަށް

އިސްރާއީލުގެ އަސްކަރިއްޔާއިން، ޣައްޒާގެ އެންމެ ބޮޑު މެޑިކަލް ކޮމްޕްލެކްސް ކަމަށްވާ އައްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ ޑިޕާޓްމަންޓް ޗީފް ޚާލިދު އަބޫ ސަމްރާ އޭއެފްޕީ ނިއުސް އެޖެންސީއަށް ބުރާސްފަތި ދުވަހު ވިދާޅުވީ، މުހައްމަދު އަބޫ ސަލްމިއާއާއި އިތުރު ސީނިއާ ޑޮކްޓަރުން ހައްޔަރުކޮށްފައި ވާކަމަށެވެ.

އިސްރާއީލްގެ ބްރޯޑްކާސްޓިން އޮތޯރިޓީންވެސް އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައި ވަނީ، ސަލްމިއާގެ ކޮއްކޮ އާދަމް އަބޫ ސަލްމިއާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ، އިސްރާއީލު ސިފައިން އެމީހުން ހުއްޓުވައި ހިފަހައްޓާފައި ވަނިކޮށް، ބަލި މީހުންނާއެކު ޑަބްލިއުއެޗްއޯގެ ގާފިލާއެއްގައި ޑޮކްޓަރުން ދަތުރުކުރަމުންދާތީ ފެނިފައިވާކަމަށެވެ.

"ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާތަނަށް އަޅުގަނޑުމެންނަށް އެއްވެސް ރިޕޯޓެއް ފޮނުވާފައެއްނުވޭ. ބަންދުގަ ތިބި މީހުންގެ އަދަދާ ނަންތައްވެސް އަދި ނުލިބޭ،" ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލްކުދްރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މީހުން ހުސްކުރުމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯއާ ގުޅިގެން ކަންތައް ހިނގި ގޮތް ބަޔާންކޮށް ރިޕޯޓެއް ފޮނުވަންދެން، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ހުއްޓާލަން މިނިސްޓްރީން ވަނީ ނިންމާފައި ކަމަށެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ، ސަލްމިއާއާއި އޭނާގެ އެކުވެރިން ހައްޔަރުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެ މީހުން ވަގުތުން މިނިވަން ކުރުމަށް މަސައްކަތްކުރުމަށް، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްއާއި ބައިނަލްއަގުވާމީ އެހެން ޖަމިއްޔާތަކަށް ގޮވާލާ ކަމަށެވެ.

ޣައްޒާގެ ދެކުނުން ބުރާސްފަތި ދުވަހު ރިޕޯޓްކުރި އަލްޖަޒީރާގެ ތާރިގު އަބޫ އައްޒޫމް ވިދާޅުވީ، އެ މީހުން ހައްޔަރުކުރުމުގެ ދުވަސްތަކެއް ކުރިން ފަލަސްތީނުގެ ދެ ޕެރަމެޑިކްސް އިސްރާއީލުން ހައްޔަރުކޮށްފައި ވާކަމަށެވެ.

ފަލަސްތީނުގެ މުޖުތަމައުގެ ހުރިހާ ގިންތިއަކަށްވެސް ހަމަލާތައް ފޯރާފައިވާތީ، ޣައްޒާގެ އެތެރޭގައިވެސް، މެޑިކަލް ވޯރކަރުންނާއި މަދަނީ ދިފާއީ ކްރޫންނާއި ނޫސްވެރިންނަށްވެސް ރައްކާތެރިކަން ނެތްކަމުގެ ވަރަށް ސާފުކޮށް އެނގެއެވެ.

ޣައްޒާގެ އުތުރުގައި އިސްރާއީލުން ދެމުންދާ އެއްގަމު ހަމަލާތަކުގެ އެންމެ ބޮޑު އަމާޒަކީ އައްޝިފާ ހޮސްޕިޓަލެވެ. ހޮނިހިރު ދުވަހު އަސްކަރިއްޔާއިން އެތަން ހުސްކުރަން އެންގިނަމަވެސް އެތަނުގައި ތިބި މަދު މުވައްޒަފުން ބުނަނީ އަދިވެސް 180 އެއްހާ ބަލި މީހުން އެތެރޭގައި އެބަތިބި ކަމަށެވެ.

މިދިޔަ ހަފުތާގައި އެ ހޮސްޕިޓަލް ބަލައި ފާސްކުރި އިސްރާއީލުގެ އަސްކަރިއްޔާއިން ތުހުމަތުކުރާގޮތުގައި، ހަމާސްގެ ހަނގުރާމަވެރިން ވަނީ ޣައްޒާ ސިޓީގެ ފެސިލިޓީގެ ތިރީގައި ހުރި ޓަނަލް ކޮމްޕްލެކްސްއެއް ބޭނުންކޮށްގެން ހަމަލާތައް ދީފައެވެ. ހަމާސްއާއި ހޮސްޕިޓަލުގެ އޮފިޝަލުން އަންނަނީ ތަކުރާރުކޮށް އެ ވާހަކަތައް ދޮގުކުރަމުންނެވެ.

އިންޑޮނީޝިއާގެ ހޮސްޕިޓަލް

މިދިޔަ ބުރާސްފަތި ދުވަހު ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލްބުރްޝް ވިދާޅުވީ، ޣައްޒާގެ އުތުރުގައި ހުންނަ އެ ތަން ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އިންޑޮނޭޝިއާގެ ހޮސްޕިޓަލުގައި ތިބި މީހުންނަށް ދިނީ އެންމެ ގަޑިއިރެއް ކަމަށެވެ.

އޭނާ ވިދާޅުވީ އިއްޔެ 450 އެއްހާ ޕޭޝަންޓުން ނެރުމަށްފަހު ހޮސްޕިޓަލުގައި ބާކީ ތިބީ ގާތްގަނޑަކަށް 200އެއްހާ ޕޭޝަންޓުން ކަމަށާއި، ވަށައިގެންވާ ހުރިހާ ދިމާއަކުންވެސް ބޮން އެޅުން ކުރިއަށްދާ ކަމަށެވެ.

އަލްޖަޒީރާގެ އަބޫ އައްޒޫމް ވިދާޅުވީ، މި ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި އަދިވެސް ހިންގަމުން އަންނަ މައި ސެންޓްރަލް ހޮސްޕިޓަލް ކަމަށް ބެލެވޭ ކަމަށާއި، އޭގެތެރޭގައި ބަލި މީހުންނާއި ސިއްހީ ޚިދުމަތްތެރިންނާއި ގެދޮރު ގެއްލިފައިވާ މީހުންވެސް އެބަތިބި ކަމަށެވެ.

އިސްރާއީލު ސިފައިން އަދިވެސް ވަށާލާ، ބޮޑެތި ކޮންޓްރޯލްތަކެއްވެސް ކުރަމުން ދާތީ ދެ ހޮސްޕިޓަލް [އައްޝިފާއާ އިންޑޮނޭޝިއާ ހޮސްޕިޓަލް[ގަ ވެސް ވަރަށް ސީރިއަސް އަދި ނާޒުކު ހާލަތެއް އެބަ ފެނޭ.
ނޫސްވެރިޔާ، އައްޒޫމް

ބުދަ ދުވަހު އދ.ގެ ހިއުމެނިޓޭރިއަން އޮފީހުން ބުނީ، އައްޝިފާ ހޮސްޕިޓަލުން ދެކުނުގެ ސަރަހައްދަށް، ޒަޚަމްވި އަދި ބަލި 190 މީހުން އުފުލާ އެމްބިއުލާންސްގެ ގާފިލާއަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސްއެޅި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އެ ދަތުރަށް ގާތްގަނޑަކަށް 20 ގަޑިއިރު ހޭދަވިކަމަށެވެ.

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް)އިން ބުނިގޮތުގައި، ޣައްޒާގެ އުތުރާއި ދެކުނު ބައިކުރާ އިސްރާއީލުގެ އަސްކަރީ ޗެކްޕޮއިންޓްގައި މީހުންތައް ހިފެހެއްޓުމުގެ ސަބަބުން، ޒަޚަމްވެފައިވާ މީހުންނާއި ބަލި މީހުންގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ.

މެޑިކަލް ސާވިސްއިން މީގެކުރިން ބުނެފައިވަނީ، ބަލި މީހުން ނެރުމުގައި އެ ކުންފުނީގެ 14 އެމްބިއުލާންސާއި އދ.ގެ ދެ ބަހާއި އެހެނިހެން ވެހިކަލްތަކުގެ އިތުރުން، އައްޝިފާ ހޮސްޕިޓަލުގެ ގިނަ މެޑިކަލް ޓީމްތަކެއް ހަރަކާތްތެރިވި ކަމަށެވެ.

ޕީއާރުސީއެސްއިން ބުނީ، ފިނިމޫސުމުގައި ތިން ޕެރަމެޑިކްސްއަކާއި ޒަޚަމްވި މީހުންގެ ތެރެއިން އެކަކުގެ އެކުވެރިޔަކު ތިން ގަޑިއިރަށްވުރެ ގިނައިރު ވަންދެން ހިފަހައްޓާފައިވާއިރު، ބަލި މީހުން ދެކުނުގެ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް