ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 17:06
މަސްވެރިން މަސް ވިއްކަނީ
މަސްވެރިން މަސް ވިއްކަނީ
ރާއްޖެއެމްވީ
މަސްވެރިންގެ ދުވަސް
މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފި
މަސްވެރިންގެ ދުވަހާ ގުޅިގެން ތަފާތު ޙަރަކާތްތައް މިނިސްޓްރީން ދަނީ ރާވަމުން

43 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭ ސިޓީގައި ބޭއްވުމަށް  ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނީ 43 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭ ސިޓީގައި ބޭއްވުމަށް ނިންމަވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

މި އަހަރުވެސް މަސްވެރިންގެ ދުވަހާ ގުޅިގެން ތަފާތު ޙަރަކާތްތައް މިނިސްޓްރީން ރާވަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މިނިސްޓްރީން މިފަދައިން ބުނެފައިވާއިރު މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ކެޔޮޅުންނަށް އެވޯޑަށް ކުރިމަތިލެވޭނެއެވެ. އެގޮތުން ދެ އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެއީ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅާއި އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑެވެ.

އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން ދަށުގެ މަސްވެރިންނަށެވެ. އަދި އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ މަސްވެރިންނަށެވެ.

މި ދެ އެވޯޑަށް ކުރިމަތިލުމުގެ ފުރަސަތު ހުޅުވާލާފައިވަނީ 30 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 އާ ހަމައަށެވެ. ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މި އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެއެވެ. މިދިޔަ އަހަރު ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެންމެ ޒުވާން ކެޔޮޅުގެ އެވޯޑު ހާސިލް ކުރީ ގދ މަޑަވެލި، ފަރުހާން ޒާހިރުއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

- ކޮމެންޓް