މަސްވެރިންގެ ގުންޒަރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ބައިވެރިވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
42 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މަސްވެރިންގެ ގުންޒަރު އިފްތިތާހުކޮށްދެއްވީ، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.
ހޮނިހިރު ދުވަހު މީރުމާގައި މަސްވެރިންނަށް ބާއްވާ ސެޝަންތައް ކުރިއަށްދާނީ ހެނދުނު 09:00ން ހަވީރު 17:00ގެ ނިޔަލަށެވެ.
މި ގުންޒަރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ގުންޒަރުގައި މަސްވެރިންނާއި، މަސްވެރިކަމާގުޅޭ ތަފާތު އެކި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.
އޭގެތެރޭގައި ކަޅުބިލަމަހުގެ އެމްއެސްސީ ސެޓްފިކެޓް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކާއ،ި ބޮޑުކަންނެލީގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުމާއި، މަސްދޯނިފަހަރުގައި ރެސްކިއު ޑައިވިނަށް، ތަމްރީނު ލިބިފައިވާ ފަޅުވެރިން ތިބުމުގެ މުހިންމުކަމާއ،ި ކަނދުފަތި ގާއިމްކުރުމުގައި ބަލަންޖެހޭ ބައެއް ފަންނީ ކަންކަން ހިއްސާކުރުން ކުރިއަށްދާނެއެވެ.
މީގެ އިތުރުން މަސްވެރިޔާ ކާޑުގެ މައުލޫމާތާއި، ސްކޭމާއި ފްރޯޑްއަށް ރައްކާތެރިވުމަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މަހުގެ އަގު ކަނޑައެޅުމުގައި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ގެންގުޅޭ ހަމަތަކާއި މިންގަނޑުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ގުންޒަރު ނިންމާލުމުގެގޮތުން، މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، މަސްވެރިންގެ ޚިޔާލު ހޯދުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.