އެންމެ މަތީ ފަންތީގެ ސިޔާސީ ކަންކަމުގައި އަންހެނުންނާއި ޒުވާނުން ގިނަ ކުރުމަށް ކޯޓާއެއް ތައާރަފްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އީސީގެ ނާއިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އެންމެ މަތީ ފަންތީގެ ސިޔާސީ ކަންކަމަށް އަންހެނުންނާއި، ޒުވާނުން ނުކުންނަން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް އަންހެނުންނާއި ޒުވާނުން އިންތިޚާބުތަކުގައި ވާދަކުރުމަށް ދެކޮޅު ހަދާ މަންޒަރު ނުވަތަ ފަހަތަށް ޖެހޭ މަންޒަރު ފެންނަ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެންމެ މަތީ ފަންތީގެ ސިޔާސީ ކަންކަމުގައި އަންހެނުންނާއި ޒުވާނުން ގިނަ ނުވުމަކީ ކަންބޮޑުވުމެއް ކަމަށާއި، މި މައްސަލަ ހައްލު ކުރުމަށް ކޯޓާއެއް ތައާރަފްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ބޭރުގެ ބައެއް ގައުމުތަކުގައި މަސައްކަތްކޮށްފައިވާ ގޮތަށް އިޝާރާތް ކުރައްވައި ހަބީބު ވިދާޅުވީ އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކޮށްގެން ކޯޓާ ކަނޑައަޅާ ކަމަށާއި، އެކަމަށް ހޭލުންތެރިވުމުން ފަހުން ކޯޓާ އުވާލާ ކަމަށެވެ. އަދި މިހާރު ބައެއް ގައުމުތަކުގެ ޕާލިމެންޓްގައި އަންހެނުން ގިނަ ކަމަށް ހަބީބު ވިދާޅުވިއެވެ.
ކޮމިޝަނުގެ ވަރަށް ބޮޑު އިސްނެގުމާއެކު ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެން ބޭފުޅުން ކަމަށް ކޯޓާއެއް ކަނޑައެޅިގެން ގޮސްފި. ބައެއް ބޭފުޅުންގެ ފާޑު ކިއުންތައް އެބަހުރި އެކަމަށް. ދެން މަޖިލިސް އިންތިޚާބުގެ ވެސް ހަމަ އަޅުގަނޑުމެންގެ ކޮމިޝަނުންގެ ވިސްނުމަކީ ހަމަ ކޯޓާ އުސޫލުން އެކަން ގޮސްފިއްޔާ ފުރަތަމަ ފަށައިގަންނައިރު ވަރަށް ރަނގަޅު ކަމެއްގެ ގޮތަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. މިހެން ދެންނެވީ ވަރަށްފަހުން ކޮމިޝަން ލިބުނު ގްލޯބަލް ކޮންފަރެންސްގައި ބައިވެރިވާން ފުރުސަތު އެނގޭތޯ. ގާތްގަނޑަކަށް 200 ވަރަކަށް މީހުން އެކި ގައުމުތަކުން މަތީ ފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކޮންފަރެންސެއް. އެ ކޮންފަރެންސްގެ ތެރޭގައި ވެސް އަޅުގަނޑުުމެންނަށް ފާހަގަކުރެވުނު އެކްޕީރިއެންސެއް އެއީއީސީގެ ނާއިބުރައީސް އިސްމާއިލް ހަބީބު
ރައްޔިތުން މަޖިލީހަށް އިޝާރާތް ކުރައްވައި ހަބީބު ވިދާޅުވީ މަޖިލީހަށް ވެސް އަންހެނުންނާއި ޒުވާނުން އިންތިޚާބު ކުރަންޖެހޭ ކަމަށާއި، ތައުލީމީ ގާބިލް ބޭފުޅުންނަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އެއީ ހަމައެކަނި ފައިސާވެރިން ހޮވަންޖެހޭ ތަނެއް ނޫން ކަމަށް ހަބީބު ވިދާޅުވިއެވެ.
މީގެ އިތުރުން ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އިންތިޚާބުތަކަށް ކެންޑިޑޭޓުން ނެރުމުގައި ވެސް އަންހެނުންނާއި ޒުވާނުންނަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށާއި، ވަކި އިންސައްތައެއް ކަނޑައެޅުމަކީ މިކަމަށް ހައްލެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިގޮތަށް މި ކަންކަން ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހަބީބު ވިދާޅުވިއެވެ.