ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 22:22
ލެންޓިލް ސޫޕް ތައްޔާރުކުރަނީ
ލެންޓިލް ސޫޕް ތައްޔާރުކުރަނީ
ރޮއިޓާސް
ފަލަސްތީން - އިސްރާއީލް ހަނގުރާމަ
"ކަންބަޅި ބަކަރީގެ މަހަށްވުރެ މިއަދު އަހަރެމެންނަށް އެ ރަނގަޅު"
މިހާރު މީ އަހަރެމެންގެ ފިނި މޫސުމުގެ ދުވަސްވަރު
ލެންޓިލް ސޫޕަކީ ފަލަސްޠީނުގެ ޘަޤާފީ ކޭމެއް
މި ސޫޕުން މީހާގެ ހަށިގަނޑު ހޫނުކޮށްލަދޭނެ

ލެންޓިލް ސޫޕްއަކީ ތަފާތު އެކި ބާވަތްތަކުގެ ނުވަތަ ކޮންމެވެސް އެއް ބާވަތެއްގެ މުގު ބޭނުން ކޮށްގެން ތައްޔާރު ކުރާ ސޫޕްއެކެވެ. ބައެއް ފަހަރު ތަރުކާރީގެ ބާވަތްތައް، ނުވަތަ އެއްގަމު މަހުގެ ބާވަތްތައް އަޅައިގެން ލެންޓިލް ސޫޕް ތައްޔާރު ކުރެއެވެ. އަދުގެ އެންމެ ނަން ހިނގާ ބަދިގެތަކުން ލެންޓިލް ސޫޕެއް ބޯލަން ނުލިބުން އެކަށީގެންވެއެވެ. ނަމަވެސް ލެންޓިލް ސޫޕްއަކީ ތައްޔާރުކޮށްލަން ފަސޭހަ، ޖީބަށްވެސް އެހާމެ ލުއި ގޮތަކަށް ތައްޔާރު ކުރެވޭ ސޫޕެކެވެ. ހިއްސާ ކުރަން މި އުޅެނީ ފަހަރެއްގައިވެސް ލެންޓިލް ސޫޕްގެ ތަފްޞީލީ ވަނަވަރުތަކެއް ނޫނެވެ. މާ ބޮޑަށް ސެހެރިގަނޑު ދިގު ނުކޮށް، ސީދާ މަޢުލޫއަށް ޖެހިލާނަމެވެ. ދަތުރުގެ މަންޒިލަކީ ޔަހޫދީންގެ މުށްދަށުލާފައި އޮތް ޣައްޒާއެވެ.

ދަރު އުނދުންތަކުގެ މަތީގައި ހުރި ބޮޑެތި ލޯގަނޑުތަކުގައި ކެކެމުން އެހެރަ ދަނީ ލެންޓިލް ނުވަތަ މުގު ސޫޕްއެވެ. ފަލަސްޠީނުގެ މި ޚާއްޞަ ކޭން ތައްޔާރު ކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުން އެދަނީ ދަރުމަވެރިންނެވެ. ފުރާނަ އަތް މައްޗަށް ލައިގެން، މުގު ސޫޕް ކައްކައިދެމުން އެ ދަނީ، ޚާން ޔޫނިސްގެ ނާޞިރް މެޑިކަލް ކޮމްޕްލެކްސް ސަރަޙައްދުގައި ފޭލިގެ ޖަހައިގެން ދިރިއުޅެމުންދާ، ޣައްޒާގެ ގެދޮރު ގެއްލިފައި ވާ ރެފިއުޖީންނަށެވެ.

ލެންޓިލް ސޫޕަކީ މެދުއިރުމަތީ ޤައުމުތަކުގައި މަޤުބޫލު ކޭމެކެވެ. ބޮޑެތި މީހުންގެ އިތުރުން، ކެއުމަށް އެންމެ ފާޑުކިޔައި އުޅޭ ކުޑަކުދިންގެ މެދުގައިވެސް ލެންޓިލް ސޫޕަކީ ނަން ހިނގާ ސޫޕެކެވެ.

ލެންޓިލް ސޫޕަކީ ފަލަސްޠީނުގެ ޘަޤާފީ ކޭމެއް. މި ސޫޕުން މީހާގެ ހަށިގަނޑު ހޫނުކޮށްލަދޭނެ. މިހާރު މީ އަހަރެމެންގެ ފިނި މޫސުމުގެ ދުވަސްވަރު. މީ އަހަރެމެންނަށް ވަރަށް ފަސޭހައިން ލިބެންވެސް ހުރި އެއްޗެއް. އެހެންވެ، އަހަރެމެން މި ސޫޕް ތައްޔާރު ކުރުމުގެ މަސައްކަތް ފެށީ. ދަރުމަވެރިންގެ އެހީއާވެސް އެކީގަ. ބައެއް މީހުން ދެނީ ފައިސާ، އަނެއް ބަޔަކު ޢަމަލީ ގޮތުން މަސައްކަތުގަ. އެމީހަކަށް، ވީ ވަރެއް އެމީހަކު ކޮށްލަނީ
ޙުސައިން އަބޫ ރަމަޟާން؛ ގެދޮރު ގެއްލިފައިވާ މީހެއް އަދި ފުޑް ސުޕަވައިޒަރެއް

ނަސްލު ދޮވެލުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ބެދި، ފިނިމޫސުމުގެ ގަދަ ކޮޅިގަނޑާވެސް ކުރިމަތިލާން ޖެހިފައިވާ އޮތް ޣައްޒާގެ ބޮޑެތި މީހުންނާއި ކުޑަކުދިންވެސް މިއަދު އިންތިޒާރު ކުރަމުން އެ ދަނީ ލެންޓިލް ސޫޕް ފޮދެއް ބޯލަން ލިބޭނެ ވަގުތަކަށެވެ.

ކުރީގަ، ލެންޓިލް ސޫޕަކީ މާ ބޮޑު އަގެއް ހުރި އެއްޗެއް ނުން. މީހަކު މާ ބޮޑު ސަމާލުކަމެއްވެސް ނުދޭޏެ. އެކަމަކު، އަހަރެމެންނަށް މިހާރު، ކަންބަޅި ބަކަރީގެ މަހަށް ވުރެ، ލެންޓިލް ސޫޕް ރަނގަޅު. އަހަރެމެންނަށް މި ޙާލުގަވެސް ލެންޓިލް ސޫޕް ފޮދެއް ލިބޭ ކަމަށްޓަކައި ޝުކުރު ކުރަން. ދަރުމަވެރިންނަށް ޝުކުރުވެރިވަން
މުނީރާ އަލް-މަސްރީ؛ ގެދޮރު ގެއްލިފައި ވާ މީހެއް

ސޫޕް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅެމުން ދިޔަ ޙުސައިން އަބޫ ރަމަޟާން ބުނި ގޮތުގައި، ސަލާމަތާއި ރައްކާތެރިކަން ލިބޭ ހަމަ އެންމެ ތަންފުކެއްވެސް މިއަދު ފޭލިގެތަކުގައި ނެތެވެ.

މީހުންގެ ދިރިއުޅުމުގެ ޙާލަތު ވަރަށް ދެރަކޮށް މި އޮތީ. އަސްލު، ވާރޭ ވެހެންޏާ، ޓެންޓު ތެރޭގަވެސް ނެތް އެއްވެސް މީހަކަށް ރައްކާތެރިކަމެއް. އެންމެންނަށްވެސް ވާރެއާއި ފިނީގެ އަސަރު އެބަ ކުރޭ. ވަކިން ޚާއްޞަކޮށް، ކުޑަކުދިން ތިބޭ މީހުންނަށް އުފުލަން ޖެހޭ ބުރަ ބޮޑުވޭ. އެހެންވެ، ދަރުމައަށް މަސައްކަތް ކުރާ މީހުން މަޝްވަރާ ކުރީ، ލެންޓިލް ސޫޕް ތައްޔާރު ކުރަން ފަށަން. މީ ފިނި މޫސުމުގެ ކޭން. ދެން މިއޮތީ ކާބޯތަކެތި ނުލިބުމުގެ މައްސަލަ. ލިބޭ އެއްޗެއްވެސް މި ލެބެނީ އެހާ އުނދަގުލުން. ހޯދަން މާ ފަސޭހައެއް ނުން. އެންމެ ކުޑަ މިނުން، ލޮނު ކޮޅެއް ލިބެނީވެސް ވަރަށް ޙާލުން. ވަރަށް މަސައްކަތުން
ޙުސައިން އަބޫ ރަމަޟާން؛ ގެދޮރު ގެއްލިފައިވާ މީހެއް އަދި ފުޑް ސުޕަވައިޒަރެއް

2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން ދާ ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ، އޮކްޓޯބަރ 7 ވަނަ ދުވަގު އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމު، ދޮޅުމަހަށް ދިގުލައިގެން ގޮސްފައި ވާ އިރު، ޣައްޒާގެ އާބަދީގެ 3 ބައިކުޅަ 2 ބަޔަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އަތުޖެހުނު އެއްޗެއް ފޮށިތަންމަތީގައި ބަނދެގެން، ދަރިންކޮޅުވެސް އިނގިލި ކުރީގައި ލައިގެން، އެއްތަނުން އަނެއް ތަނަށް ހިޖުރަ ކުރަމުންދާ ޣައްޒާގެ ރަށްވެހިން އަދިވެސް ހާހުން ގުނާލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް