ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 10:16
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ދަރިވަރުންތަކަކާއެކު
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ދަރިވަރުންތަކަކާއެކު
އެޑިއުކޭޝަން މިނިސްޓްރީ
ދިރާސީ އަހަރު
ދަރިވަރުން މަންހަޖު އުނގެނެން ހޭދަކުރާ ވަގުތު ކުރުކުރުމަކީ ހެޔޮވާނެކަމެއް ނޫން: އައިޝަތު އަލީ
2025 އިން ފެށިގެން ދިރާސީ އައު އަހަރު ޖެނުއަރީ ބަދަލު ކުރަން މި ސަރުކާރުން ވަނީ ނިންމާފައި
ދިރާސީ އަހަރެއް ކުރު ކުރާނަމަ، ދަރިވަރުންނަށް "ކަރިކިއުލަމް ޓައިމް" ނުގެއްލޭނެ ގޮތެއް ހޯދައިދޭންޖެހޭނެކަން އައިޝަތު އަލީ ފާހަގަކުރެއްވި
ދިރާސީ އަހަރަށް ގެނެވޭ ކޮންމެ ބަދަލަކީ ދަރިވަރުންގެ މުޅި ހަޔާތަށް އޭގެ އަސަރު ކުރާނޭ ބަދަލެއް

ދަރިވަރުން މަންހަޖު އުނގެނެން ހޭދަކުރާ ވަގުތު ކުރުކުރުމަކީ ހެޔޮވާނެކަމެއް ނޫން ކަމަށް ކުރީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އައިޝަތު އަލީ މިފަދައިން ވިދާޅުވީ މި ސަރުކާރުން ދިރާސީ އަހަރު ކުރުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަންގާރަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ އެ ވާހަކަތާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަަމަށެވެ.

އެ ޕޯސްޓުގައި އައިޝަތު އަލީ ވިދާޅުވީ 2020ވަނަ އަހަރު މުޅި ދުނިޔެ ކުރިމަތިލާންޖެހުނު ކޮވިޑުގެ އާލަމީ ވަބާގެ މަތިންނާއި އެކަމާއި ގުޅިގެން ގިނަ ދުވަސްތަކަކަށް ސްކޫލްތައް ބަންދުކުރަން ޖެހުނުކަމާއި އޭގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް އައި ހީނަރުކަމާއި އެ ކުދިންގެ އިޖްތިމާއީ ތަރައްގީ އާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރި އަސަރު ހަނދާން އެބަހުރި ކަމަށެވެ. އަދި ދަރިވަރުންނަށް ލިބުނު ގެއްލުންތައް ފޫބައްދަން 2020 ވަނަ އަހަރު ކުރި މަސައްކަތްތައްވެސް ހަނދާނުގައި އެބަހުރި ކަން ފާހަގަކުރެއްވިއެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އާއިލާތަކުގެ އެދުމުގެ މަތީން ދިރާސީ އަހަރު ބަދަލު ކުރުމުގެ ދިރާސާތައް ނިމިދިޔަ ސަރުކާރުން ކުރިކަން ފާހަގަކުރައްވައި އައިޝަތު އަލީ ވިދާޅުވީ ދިރާސީ އަހަރާ ކުޅުމުން ދަރިވަރުންގެ ކިޔެވުމަށް ކޮށްފާނެ އަސަރަކަށް ޓަކައި އެކަން މަޑުޖައްސާލީ ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ދިރާސީ އަހަރު ދޮޅު އަހަރަށް ދިގު ދައްމާލަން މަޖްބޫރުވެ، ދިރާސީ އަހަރަށް ބަދަލު ގެނައުމުގެ ފުރުސަތު ފަހިވިކަން ފާހަގަކުރެއްވިއެވެ.

އައިޝަތު އަލީ ވިދާޅުވީ ދިރާސީ އަހަރަށް ގެނެވޭ ކޮންމެ ބަދަލަކީ ދަރިވަރުންގެ މުޅި ހަޔާތަށް އޭގެ އަސަރު ކުރާނޭ ބަދަލެއް ކަމަށެވެ. އަދި އޭނާ ކިޔެވި ފޮތްތަކުންނާއި ކިޔަވާދެއްވި ދާރިސުންގެ އަރިހުންނާއި ތައުލީމީ ދާއިރާއިން ލިބުނު ތަޖުރިބާއިން، ދަރިވަރުން މަންހަޖު އުނގެނެން ހޭދަކުރާ ވަގުތު ކުރުކުރުމަކީ ހެޔޮވާނެކަމެއް ނޫންކަން ދަސްވި ކަމަށް ވިދާޅުވިއެވެ.

ދިރާސީ އަހަރެއް ކުރު ކުރާނަމަ، ދަރިވަރުންނަށް "ކަރިކިއުލަމް ޓައިމް" ނުގެއްލޭނެ ގޮތެއް ހޯދައިދޭންޖެހޭނެކަން އައިޝަތު އަލީ ފާހަގަކުރެއްވިއެވެ. އަދި އޯ ލެވެލް ހަދާ ކުދިންނަށް މިހާރުވެސް ދެ އަހަރުން ނުނިންމޭ ކަމަށް ބުނާ މުގައްރަރު ނިންމޭނެ ގޮތެއް ހޯދައިދޭން ޖެހޭނެ ކަމަށާއި އޭއެސް ލެވެލް އާއި އޭޓޫ ލެވެލްގެ އިމްތިހާނުތަކުގައި އެއް އަހަރު ކިޔެވުމަށްފަހު ބައިވެރިވާ ކުދިންނަށް ސްޓްރެސް ފްރީކޮށް ކިޔަވައި، އިމްތިހާނުގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތަފްސީލީ ދިރާސާތަކެއް ހެދިފައި ނެތް ނަމަވެސް ދަރިވަރުންގެ އުނގެނުމަށް ކުރި އަސަރު އެނގިވަޑައިގަންނަވާކަމަށް އައިޝަަތު އަލީ ވިދާޅުވިއެވެ. އަދި އެ ތަޖުރިބާ ކުރި އެއްވެސް ފަރާތަކަށް އެކަން ދޮގުކުރެވެން ނޯންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިރާސީ އަހަރު އަލުން ޖެނުއަރީއަށް ބަދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. މި ބަދަލު 2025 ވަނަ އަހަރުން ފެށިގެން ގެންނާނެ ކަމަށް މިހާރުގެ ސަރުކާރުން ވަނީ ބުނެފައެވެ.  

- ކޮމެންޓް