ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 00:45
ކުޅުދުއްފުށީ ކުޅީގައި ގުޑުގުޑާ ދޫނިތަކެއް މަޑުކޮށްލައިގެން
ކުޅުދުއްފުށީ ކުޅީގައި ގުޑުގުޑާ ދޫނިތަކެއް މަޑުކޮށްލައިގެން
މުޙައްމަދު މިހާޒު (މިހާޒު ފޮޓޯގްރަފީ)
އިރުވައި މޫސުމަށް ހިޖުރަކުރާ ދޫނިތައް
ގުޑުގުޑާ ދޫނިތަކަށް ގޯނާވާ އެއްވެސް އަމަލެއް ނުހިންގުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި
 
އިރުވައި މޫސުމާ ދިމާކޮށް ގިނަ އަދަދެއްގެ ގުޑުގުޑާ ދޫނި ކުޅުދުފުއްޓަށް ހިޖުރަކުރޭ ކުރޭ
 
މި ދޫނިތައް ނުހިފުމަށް އީޕީއޭ އިން ވެސް ވަނީ އިލްތިމާސްކޮށްފައި

އިރުވައި މޫސުމާ ދިމާކޮށް ހިޖުރަަ ކުރާ ދޫނިތަކުގެ ތެރޭގައި ހިމެނޭ ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނި ކުޅުދުއްފުށީ ސިޓީއަށް ދިޔަ ނަމަވެސް އެ ދޫނިތަކަށް ގޯނާވާފަދަ އެއްވެސް އަމަލެއް ނުކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން ހޯމަ ދުވަހު ބުނީ ކުޅުދުއްފުށި ކުޅިއަށް ދޭތެރެ ދޭތެރެއިން ޒިޔާރަތްކުރާ ގުޑުގުޑާ ދޫނިތަކުގެ ސަބަބުން ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގެނެސް ދޭ ކަމަށެވެ. އެފަދަ މޫސުމީ ދޫނި ރަށުގައި މަޑުކޮށްގެން ތިބުމަށް، އަމާން ފަސޭހަ މާހައުލެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި ކެނޯ އަދި ޑްރޯން ދުއްވާ ފަރާތްތަކުންވެސް ދޫނިތަކަށް އުނދަގޫވާ ހިސާބަށް ކައިރި ނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރުވެސް ގިނަ އަދަދެއްގެ ގުޑުގުޑާ ދޫނިތަކެއް ކުޅުދުއްފުށީ ކުޅީގައި އެބަތިއްބެވެ. މި ދޫނިތައް ބެލުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދަށް އެއްވެއެވެ. އަދި ޑްރޯން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެ ދޫނިތަކުގެ ފޮޓޯއާއި ވީޑިއޯ ނަގައެވެ.

މީގެ ކުރިން ވެސް ކުޅުދުއްފުށީ ކުޅިއަށް ހިޖުރަކުރި ގުޑުގުޑާ ދޫނިތަކެއް، ވިޔަފާރީގެ ބޭނުމަށާއި އޮޅުކޮށްގެން ގެންގުޅުމަށް ހިފުމުގެ މައްސަލަތެއް ވަނީ ފެންމަތިވެފައެވެ. އެހެންވެ އެއްވެސް ނިޔަތެއްގައި އެ ދޫނިތަކަށް ގޯނާވާނޭފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ނުހިފުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް ވަނީ ހަނދާންކޮށްދީފިއެވެ. މިގޮތަށް ހިޖުރަކުރާ ދޫނިތަކަކީ ރާއްޖޭގެ "ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ ގާނޫނު" ގެ ދަށުން ހެދިފައިވާ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދު" ގެ ދަށުން ހިމާޔަތް ކުރެވިފައިވާ ދިރުންތަކެކެވެ.

ގަވާއިދާ ޚިލާފަށް ދޫނިތައް ހިފައި، ގެންގުޅޭ ފަރާތެއް އެނގޭނަމަ އީޕީއޭ (7980379 ނުވަތަ [email protected]) އާ އެ މައުލޫމާތު ހިއްސާ ކުރުމަށް އެ އެޖެންސީއިން އެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް